ޓޮޕް އެޗީވާސް އެވޯޑުގެ އެކްސްކްލޫސިވް ސްޕޮންސަރަކަށް ދިރާގު

ޓޮޕް އެޗީވާސް އެވޯޑުގެ އެކްސްކްލޫސިވް ސްޕޮންސިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--އަވަސް ފޮޓޯ: މުހައްމަދު އަޒާން
ޓޮޕް އެޗީވާސް އެވޯޑުގެ އެކްސްކްލޫސިވް ސްޕޮންސިޕް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.–އަވަސް ފޮޓޯ: މުހައްމަދު އަޒާން

މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 ގެ ނަތީޖާ ހޯދާ ދަރިވަރުންނަށް ދެމުން އަންނަ ‘ނެޝަނަލް ހައި އެޗީވާސް އެވޯޑް’ ގެ އެކްސްކްލޫސިވް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ރަޝީދު އަދި ޗީފް މާކެޓިންގް އޮފިސަރު އިޒަބެލް ހަޖްރީ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަދި ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިސްމާއިލް އިބްރާހިމް އެވެ.

މި އެއްބަސްވުމުގަިއވާގޮތުން މި އެވޯޑްގެ ކުރިއަށް އޮތް ތިން އަހަރުގެ އެކްސް ކްލޫސިވް ސްޕޮންސަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ދިރާގު އެވެ.

އެ ރަސްމިއްޔާތުގައި ޑރ. އައިޝަތު ޝިހާމް ވަނީ ދިރާގުން އިޖްތިމާއީ ތަރައްގީއަށާއި ތައުލީމީ ދާއިރާގެ ތަރައްގީއަށް ކުރާ މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ. އޭގެ އިތުރުން މިހާރު ތައުލީމީ އެކި މަރުހަލާތަކަށް ބަލާއިރު ޖިންސީ ހަމަހަމަކަން ހާސިލް ވެފައިވާ ކަމަށާއި އެއީ ގައުމެއްގެ ތަރައްގީއަށް ބަލާއިރު ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިރާގުން ޓޮޕް އެޗީވާސް އެވޯޑްގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ތައުލީމީ ޒުވާނުން ކުރިއެރުވުމަށް މަސައްކަތް ކުރުންކަމަށް ދިރާގުން ބުނެއެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވާ އަދަދު ކުރިއަށް އޮތް ތާނގައިވެސް އިތުރު ކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

މިދިޔަ އަހަރު އޭލެވެލް އިމްތިހާނުގައި ރާއްޖެއިން 2120 ދަރިވަރުން ބައިވެރިވެފައި ވާއިރު 228 ދަރިވަރުން ވަނީ ގަދަ 10 ގެ މަގާމުތަކުގައި ހިމެނިފައެވެ. އަދި އޭގެ ތެރެއިން 28 ދަރިވަރުންނަކީ ހުރިހާ މާއްދާއަކުން އޭ ފާސް ހޯދާފައިވާ ދަރިވަރުންނެވެ. އޭގެ އިތުރުން ރާއްޖޭގެ 11 ދަރިވަރުން ވަނީ ތިން މާއްދާއަކުން މުޅި ދުނިޔޭން އެއްވަނަ ހޯދާފައެވެ.

އެ ހަފްލާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.