
މުޅި ދުނިޔެއަށް ކުރިމަތި ވެފައި މިވާ ދަތި ހާލަތުގައި، އަނެކުންގެ ހިތާމަތައް ފިލުވައިދީ، ދީލަތިވެ އެހީތެރިކަން ފޯރުވުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި ވެސް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހެއެވެ.
ބ. ކިހާދޫ ފެނޭބާ ދޯނިން މި ވަނީ އެރަށު ރައްޔިތުންނަށް އޯގާތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދީ، އެތައް ބަޔަކަށް ނަމޫނާ ދައްކުވައި ދީފަ އެވެ.

އެގޮތުން އެދޯނިން އިއްޔެ ބޭނި ހުރިހާ މަހެއްވަނީ އެރަށު ގޭގެއަށް ބަހާލާފައެވެ.
ކިހާދޫން ފެނުނު މި އޯގާތެރި އެހީ ދައްކުވައިދޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އިރު، އެ ދޯނީގެ މަސްވެރިންގެ ފަރާތުން ފެނުނު ނަމޫނާ އަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ފޭސްބުކުގައި ވައިރަލް ވަމުންދިޔަ މި ފޮޓޯތަކަށް ކޮމެންޓް ކުރަމުން އާދަމް ހަސަން ކިހާ މީހަކު ބުނީ މިފަދަ ނަމޫނާ ހުރިހާ ރަށަކުންވެސް ދައްކައި މި ރޯދަމަހުގެ ދަރުމައާއި ސަވާބު ހޯދުމަށް މަސައްކަތް ކުރުމަށެވެ.

“ނަމޫނާ ދައްކަންވީ ވަގުތު. ﷲގެ މަގުގައި ކުރާ ސަދަގާތަކީ ގެއްލިގެންދާނެ އެއްޗެއް ނޫން،” ފޮޓޯތަށް ޝެއާ ކުރަމުން އެހެންމީހަކު ލިޔެފައިވެ އެވެ.
މީގެ އިތުރުންވެސް ފޮޓޯތަކަށް ކޮމެންޓްކުރި ގިނަ ބަޔަކު ވަނީ އެދޯނީގެ އެންމެންގެ މަސައްކަތަށް ހެޔޮ ދަރުމައާއި ސަވާބު އަދި ރޯދި ބަރަކާތް އިތުރުކޮށްދިނުމަށްއެދި ދުއާކޮށްފައެވެ.
ހާސްކަންބޮޑު މި ދުވަސްވަރު ކިހާދޫން މިފަހަރު މި ފެނުނީ އެހީތެރިކަމާއި އޯގާތެރިކަމުގެ ލާމަސީލު މިސާލެކެވެ.
