ރަމަޟާން މަހާ ގުޅުވައިގެން ދީނީ ކަންތައްތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބ. އަތޮޅުގެ ރަށްރަށުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ފަށައިފި އެވެ.
އަތޮޅު ކައުންސިލުން ބުނި ގޮތުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމު މިއަހަރުވެސް އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ.
މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ރަށްތަކުގައި މެންދުރުނަމާދާއި އަޞްރުނަމާދަށް ފަހު މި ޕްރޮގްރާމު ކުރިއަށްދާނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.
މި ޕްރޮގްރާމުގައި ދީނީ ނަސޭހަތް ދެއްވަނީ އިސްލާމިކް އެފެއާޒްގެ ފަރާތުން ވަޑައިގެންނެވި ޝޭޚް ޔުސުފް ހުސައިން އާއި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ ޑރ އަބްދުﷲ ޝިހާމް ހަސަން އެވެ.
ފާއިތުވި ރަމަޟާން މަހުގެ ތެރޭގައި ވެސް ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.