ކޮވިޑް-19: ބިލް ދެއްކުމުގައި ލުއިފަސޭހަތަކެއް އުރީދުން ހަމަޖައްސައިދީފި

ރާއްޖޭގެ ރައްޔިތުންނަށް ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމުގައި އެހީތެރިވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް ބިލް ދެއްކުމަށް ލުއިފަސޭހަކަމެއް ގެނެސްދޭނެ ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދީފިއެވެ.

އެގޮތުން ބިލައް ފައިސާ ދެއްކުމުގައި ދަތިތައް ކުރިމަތިވެފައިވާނަމަ، ފައިސާ ދެއްކުމުގެ މުއްދަތު ބިލް ތައްޔާރުކުރާ ދުވަހުންފެށިގެން ދެމަސް ދުވަހަށް އިތުރުކުމަށް އެދިލެއްވުމުން، އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް މި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އަދި މި ދަނޑިވަޅުގައި މާލީ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް، ބިލަށް ފައިސާ ދެއްކުމުގެ ޕްލޭންތަކާއި އެހެނިހެން ލުއިފަސޭހަކަން ރިކުއެސްޓްކޮއްލުމުން ހަމަޖައްސައިދެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވި ކަންކަމުގައި ވަޒީފާ ގެއްލުނުކަމަށް ރެޖިސްޓަރ ކުރެވިފައިވާ ފަރާތްތަކަށް، އެކަމަށް ހައްލެއް ނުލިބެނީސް ނުވަތަ އެ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ލިބޭނެ އިތުރު ގޮތެއް ފަހިނުވާކަމުގައި ވާނަމަ، އުރީދޫ ބިލްތަށް ދައްކާފައި ނުވިކަމުގައިވިއަސް ޖޫން 2020 ގެ ނިޔަލަށް އެފަރާތްތަކުގެ ޙިދުމަތް ކަނޑާ ނުލާނެ ކަމަށެވެ.

މާލީ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަސަޓަމަރުން ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުމަށް http://ore.do/billsupport މެދުވެރިކޮށް ރިކުއެސްޓްކުރެވޭނެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އޮނަރަބްލް ފައްޔާޒް އިސްމާއިލް މިދިޔަ ހަފްތާ ވިދާޅުވީ މި ނާޒުކު ދަނޑިވަޅުގައި، އެންމެހާ ފަރާތްތަކަށްވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށްޓަކައި، ސަރުކާރުން ޚިދުމަތްދޭ ފަރާތްތަކާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

“ޑިޖިޓަލް ޚިދުމަތްތަކުގެ ބޭނުން އިހުނަށްވުރެ މުހިންމު ވެފައިވާ މި ދުވަސްވަރު، ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށްޓަކައި އުރީދޫ މޯލްޑިވްސްއިން މުހިންމު ފިޔަވަޅެއް ނެންގެވީތީ، އެ ކުންފުންޏަށް ޝުކުރު އަދާކުރަން. ޔަގީނުންވެސް މާލީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް މިކަމާއި އެކު ލިބިގެންދާނެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމާއި ކޯޕަރޭޓް ދާއިރާއަށް ލިބުނު ގެއްލުމާއި ގުޅިގެން، ޓެލެކޮމިއުނިކޭޝަން ހިމެނޭގޮތަށް، ވަރަށް ގިނަ ދާއިރާތަކަށް ވަނީ އަސަރުކޮށްފައި. ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، ކަސްޓަމަރުންނާއި އެމަރޖެންސީ ރެސްޕޮންސް ޓީމްތަކަށް ފޯރުކޮށްދެވޭ އެހީތެރިކަން ސަރުކާރުން ފާހަގަކުރަން.” ފައްޔާޒު ވިދާޅުވިއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން، މީގެ ކުރިން ކުރިމަތިލާން ޖެހިފައިނުވާ ގޮންޖެހުންތަކާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިމަތިލަމުން އަންނައިރު، ކުންފުންޏަށް ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، އެންމެ އިސްކަމެއް ދޭ ކަމަކީ ކަސްޓަމަރުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

“ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެކަހެރިވެ އުޅެންޖެހިފައިވާ މި އައު ދިރިއުޅުމުގައި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، މުހިންމު މައުލޫމާތާއި ހަބަރުތަކަށް ވާސިލްވުމުގައި ޓެލެކޮމިއުނިކޭޝަންގެ މުހިއްމު ދައުރެއް އޮތްކަން ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު އަދި ފަސޭހަކަމާއިއެކު ލިބިގަނެވޭނެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން،” ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން، ކޯވިޑް-19 ޕެންޑެމިކްއާއި ގުޅިގެން މުޖުތަމައުއަށް ދިމާވަމުންދާ ދަތިތަކާއި މައްސަލަތަކަށް ލުއިފަސޭހަ ގޮތްތަށް ހޯދާދިނުމުގައި ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެގޮތުން އކަސްޓަމަރުންނަށް ޚާއްސަ އޮފަރތަކާއި، އިމަރޖެންސީ ރެސްޕޯންސް ޓީމްތަކަށް ހިލޭ ކަނެކްޝަން ގެ އިތުރުންވެސް އެހެނިހެން އެހީތައް އުރީދޫ މޯލްޑިވްސްއިން ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، އަވަސް އެހީ އަށް ބޭނުންވެފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް އެކި އެކި ދާއިރާތަކުގެ ޕާރޓްނަރުންނާއި ގުޅިގެން ތަފާތު މަސައްކަތްތަކެއްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.