މިހަފްތާގައި ވެސް ބޭންކްގެ ހިދުމަތްތައް ދޭނީ ހޯމަ އާއި ބުދަ ދުވަހު

މާލެ ލޮކްޑައުންގައި އޮތުމުގެ ސަބަބުން މި ހަފްތާގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭނީ ހޯމަ އާއި ބުދައިގައި އެވެ.

އެ ދެ ދުވަހު ބޭންކްގެ ހިދުމަތްތައް ދޭނީ ހެނދުނު 9:30 ން 12:00 އަށެވެ. މިދިޔަ ހަފްތާ އާއި އޭގެ ކުރީ ހަފްތާގައި ވެސް ބޭންކުން ހިދުމަތް ދިނީ އެ ދެ ދުވަހު އެވެ.

ބޭންކްގެ ހިދުމަތް ދޭ މި ވަގުތުތަކުގައި ބީއެމްއެލްގެ އޮފީސްތައް ބަންދުކޮށްފައި ހުރި ނަމަވެސް އޮންލައިންކޮށް ހިދުމަތް ލިބޭނެ އެވެ. މީގެ ތެރޭގައި ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމާއި މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމާއި އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ޗެކްތަކަށް ފައިސާ ޖަމާ ކުރުމާއި ބޭންކް ޓްރާންސްފާ ފަދަ ހިދުމަތްތައް ހިމެނެ އެވެ.

ބީއެމްއެލުން ބުނީ މި ހިދުމަތްތަކުގެ ތެރެއިން ކުންފުނިތަކާއި އޮފީސްތަކުގެ މުސާރަތައް ޖަމާކޮށްދޭން އެދި ހެނދުނު 10:00 ގެ ކުރިން ހުށަހަޅާ ފޯމުތައް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. އަދި ބޭރަށް ފައިސާ ފޮނުވަން ހެނދުނު 11:00 ކުރިން ފޯމު ހުށަހެޅުމުން އެއް ދުވަހުން ޕްރޮސެސް ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކުން ބުނީ އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައެވެ. ނަމަވެސް ހެނދުނު 11:30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ދޭ ހިދުމަތްތަކުގެ ތެރެއިން ނަގުދު ފައިސާގެ މުއާމަލާތް ކުރަން ބޭނުންވާ ކަސްޓަމަރުން އޭޓީއެމް މެދުވެރިކޮށް، އެ މުއާމަލާތް ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އޭޓީއެމް މެދުވެރިކޮށް، ފައިސާ ޖަމާ ކުރެވޭ އަދަދު ވެސް ބީއެމްއެލުން އިއްޔެ ވަނީ އިތުރުކޮށްފަ އެވެ. މިހާރު އަމިއްލަ ފަރާތްތަކަށް 100،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭއިރު ވިޔަފާރިތަކަށް 500،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭނެ އެވެ.

ބީއެމްއެލްގެ އިތުރުން އެހެން ގިނަ ބޭންކްތަކުން ވެސް ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމައިފަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، މާލޭގައި ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެހީތެރިވުން ކަމަށް އެ ބޭންކުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.