ފެހެންދޫ ސްކޫލު ކުދިންގެ ފެރީގެ ޚިދުމަތް އަންނަ މަހުން ފެށިގެން ހުއްޓާލަނީ

20140818_063100

ބ. ފެހެންދޫން؛ ފާތުމަތު ޒުހުދާ

ފެހެންދޫ ކައުންސިލުން އެރަށުގައި ދިރިއުޅޭ ކިޔަވާކުދިން ގޮއިދޫ ސްކޫލަށް ދިއުމަށްޓަކައި ދެމުން ގެންދިޔަ ފެރީގެ ޚިދުމަތް އަންނަމަހުން ފެށިގެން ހުއްޓާލުމަށް އެކައުންސިލުން ނިންމައިފި އެވެ.

ފެހެންދޫ ކައުންސިލުން ބުނިގޮތުގައި މިގޮތަށް ނިންމާފައިވަނީ މި ދަތުރުތައް ކުރުމަށް ބޭނުންކުރާ އުޅަނދަކީ ކުޑަކުދިން ގޮވައިގެން ދަތުރުކުރުމަށް އެކަށީގެންވާ އުޅަނދަކަށް ނުވާތީއާއި ފެރީ ދަތުރުތައް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވުމުންނެވެ.

ފެހެންދޫ ކައުންސިލުން ނެރުނު ނޫން ބަޔާނެއްގައިވާ ގޮތުން 2 އަހަރާއި 4 މަސް ވަންދެން ތަފާތު ގޮންޖެހުންތަކައެކުވެސް މިދަތުރުތައް ކުރިއަށް ގެންދިޔައީ އެޑިޔުކޭޝަން މިނިސްޓްރީން އެއްބާރުލުން ލިބޭނެ ކަމުގެ ފޮނި އުއްމީދުގަ އެވެ․

“އެހެންނަމަވެސް އެޑިޔުކޭޝަން އިން މިހާތަނަށްވެސް އެއްވެސް އެއްބާރުލުމެއް ނުދެއްވައެވެ․ އަދި ކައުންސިލްގެ ފަރާތުންނާއި ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި އެކި ފަހަރުމަތިން މުއާމަލާތުކުރެވި މިކަމަށް ހައްލެއް ނުލިބުމަކީ އެކައުންސިލުން ނުހަނު ކަންބޮޑުވެ ހިތާމަ ކުރާ ކަމެކެވެ،” ނޫސްބަޔާނުގައިވެ އެވެ․

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް އީޓީ އަށް ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ 2 މަސް ދުވަހު ސްކޫލް ކުދިންގެ ފެރީ ދުއްވާފައިވަނީ ކައުންސިލް މެމްބަރުންނެވެ.


“މިހާރުވެސް ފެރީ މި ދުއްވަނީ ކައުންސިލް މެމްބަރުން. ކިހިނެއްތޯ އަބަދު މިގޮތަށް މިކަން ކުރާނީ. އުޅަނދަކީވެސް ވަރަށް ކުޑަ އަދި އެއްވެސް ވަރަކަށް ރައްކާތެރި އުޅަނދެއް ނޫން. 13 ކުދިން އެބަތިބި ގޮއިދޫ ސްކޫލަށް ދާން. ވާރޭ ވެހޭނަމަ ތެމިގެން، ގަދަ ދުވަހަކު ނަމަ ލޮނުވިއްސާ ހިޔާވެވޭނެ ގޮތެއް ނެތް،” މޫސާ ނަސީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ ރިސްކީ ކަމެއް ކުރިއަށް ގެންދެވޭނެކަމަށް ކައުންސިލަށް ގަބޫލު ނުކުރެވެ އެވެ․

2008 ވަނަ އަހަރު އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލް ފެރީގެ ޚިދުމަތް ގާއިމުކޮށްދޭނެ ކަމަށް ބުނެ ސްކޫލް ބަންދުކުރުމާ ގުޅިގެން ފެހެންދޫގައި ދިރިއުޅޭ ކުދިން ކިޔަވަމުންދަނީ ގޮއިދޫ ސްކޫލަށް ގޮސްގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.