ފިތުރު ޒަކާތް ހައްގުވާ މީހުންގެ ގޮތުގައި މި އަހަރު ބ. އޭދަފުށިން ރަޖިސްޓްރީކޮށްފައި ވަނީ 31 މީހުން ކަމަށް ކަމަށާއި ނަމަވެސް ފަގީރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އެންމެ 4 މީހުން ކަމަށް ކައުންސިލުން ބުނެފި އެވެ.
އޭދަފުށީ ކައުންސިލުގެ މީޑިއާ އޮފީޝަލު މިއަދު “އީޓީ” އަށް ވިދާޅުވީ، ފަގީރުންގެ ގޮތުގައި ނަންނޯޓް ކުރުމަށް ހުޅުވާލި ފުރުސަތުގައި މިރަށުން 31 މީހަކު ނަންނޯތް ކޮށްފައިވާ ކަމަށެވެ.
“އަޅުގަނޑުމެން ނަންނޯޓްކުރާ މީހުންގެ ފޯމުތައް ފައިނަލް ކުރުމަށް މި ފޮނުވަނީ އިސްލާމިކް މިނިސްޓްރީއަށް، އެ މިނިސްޓްރީން އެ ފޯމްތައް ޗެކުކުރުމަށްފަހު މިއަދު ފައިނަލް ލިސްޓް ފޮނުވިއިރު މިރަށުން ފަގީރުންގެ ގޮތުގައި ކަނޑައަޅާފައި އޮތީ 4 މީހުން،”
އެ ހަތަރު މީހުންނަށް ބޮލަކަށް 12،776 ރުފިޔާގެ މަގުން މިއަދު ޒަކާތް ބަހާފައިވާ ކަމަށްވެސް އޭދަފުށީ ކައުންސިލުން ބުންޏެވެ.
މި ރޯދަ މަހު އޭދަފުށީ ކައުންސިލަށް 2918 މީހުން ފިތުރު ޒަކާތް ދައްކާފައިވާއިރު, ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 51،101 ރުފިޔާ އެވެ.