ސިއްހީ ދާއިރާގެ ފުރަތަމަ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު

aa

ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށް ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ކޮންފަރެންސް ފަށަން ތައްޔާރުވެ، އެ ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު ބަނޑޮހުގައި ބާއްވާ އީބީޕީ ހެލްތް ޗެމްޕިއަންސް ކޮންފަރެންސަކީ ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން ވެސް ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިރާސާ ކުރުމުގެ މުހިއްމުކަން އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި އެންމެ ފަހުގެ ދިރާސާތަކަށް ބިނާކޮށް ސިއްހީ ފަރުވާ ދޭނެ ގޮތްތަކާ ގުޅޭ ގޮތުން މައުލޫމާތު މުއްސަނދި ކުރުމަކީ ވެސް މި ކޮންފަރެންސްގެ އެއް ބޭނުމެވެ.

މި ކޮންފަރެންސްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ދިރާގާއި ކޮންފަރެންސް އިންތިޒާމު ކުރާ ޖަމިއްޔާ، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ވަނީ މިއަދު ސޮއިކޮށްފަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު، ކޮންފަރެންސްގެ އިންތިޒާމް ކޮމިޓީގައި އިސްކޮށް އުޅުއްވާ ޑރ. ފާތުމަތު ޝިފާޒާ ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާގައި ޓެކްނޮލޮޖީގެ ރޯލު އަދި ކުޑަ ކަމަށެވެ. އެ ގޮތުން، ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ފުޅާ ދާއިރާއެއްގައި އިންޓަނެޓުގެ ހިދުމަތް ނުލިބޭތީ އޮންލައިންކޮށް ލިބެން ހުންނަ ދިރާސާތަކާއި މައުލޫމާތު ހޯދަން ނަރުހުންނާއި އެ ނޫން ފަރާތްތަކަށް ވެސް ދަތިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ޝިފާޒާ ވިދާޅުވި ގޮތުގައި މި ކޮންފަރެންސްގައި މަޝްހޫރު ޕްރޮފެސަރު، ވިކްޓަ މޮންޓޯރީ ސްކައިޕް މެދުވެރިކޮށް ލެކްޗައެއް ވެސް ދެއްވާނެ އެވެ.

“އެފަދަ ބައެއް މި ވޯކްޝޮޕުގައި ހިމެނޭއިރު އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ މި ވަގުތަށް މި ފަދަ ކަނެކްޓިވިޓީއެއް އަޅުގަނޑުމެންނަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ބަރޯސާ ވެވޭނެ ކުންފުންޏަކީ ދިރާގު ކަމަށް،” އޭނާ ވިދާޅުވި އެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވީ ޓެކްނޮލޮޖީގެ ތެރެއިން ސިއްހީ ދާއިރާ އަށް ވެސް ކުރިއެރުން ހޯދައި ދޭން ދިރާގުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ނަރުހުންނާއި ޑޮކްޓަރުންނަށް ބޭރުގެ މާހިރުންގެ ފަރާތުން މައުލޫމާތު ލިބޭ ގޮތަށް ބޭއްވޭ މި ފަދަ ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި ވެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ވެދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

“މިކަމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކަކަށް އެ ބޭފުޅުންގެ މައުލޫމާތާއި ހުނަރުތައް ވެސް ތަރައްގީވެ، އެ މައުލޫމާތު ރާއްޖޭގެ އެހެން ފަރާތްތަކާ ވެސް ހިއްސާކުރުމުގެ ފުރުސަތު މި ފަދަ ޕްލެޓްފޯމެއްގެ ސަބަބުން ހުޅުވިގެން ދާނެ،” އިމްޖާދު ވިދާޅުވި އެވެ.

މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކާއި ޔުނިވަސިޓީތަކުގައި މަސައްކަތް ކުރާ މި ދާއިރާގެ މާހިރުންގެ ލެކްޗަތަކާއި ސުވާލާއި ޖަވާބު ސެޝަންތައް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. އެ ސެޝަންތައް ނަަގައި ދޭނީ އޮސްޓްރޭލިއާ، ނެދަލޭންޑްސް އަދި އިންޑިއާގެ އިތުރުން މެދުއިރުމަތީގެ ކަމާ ބެހޭ ހާއްސަ ފަރާތްތަކުންނެވެ.

އެ ސެޝަންތަކުގައި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން އެކި ރަށްތަކުގެ ހޮސްޕިޓަލްތަކާއި ރާއްޖޭން ބޭރުގެ ނަރުހުންނާއި ޑޮކްޓަރުން ހިމެނޭ ގޮތަށް 150 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.