
ހުރިހާ ރަށެއްގައި ވެސް ގެއިން އާއްމުން ބޭރަށް ނުކުންނަ އިރު ފޭސް މާސްކް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭ އިން މިގޮތައް އެންގީ ކޮވިޑް-19 އާއި ގުޅިގެން ރަށްރަށުގައި އަމަލުކުރަންވީ ގޮތް ބަޔާންކޮށް ރޭ އާއްމު ކުރި ލިޔުމެއްގައެވެ.
އެ ލިޔުމުގައި ބުނެފައި ވަނީ އާއްމުތަންތަނަށް ނުކުންނަ ނަމަ ފޭސް މާސްކު އަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން ޞިއްޙީ ޚިދުމަތްތެރިން ފިޔަވައި އެހެން މީހުން ފޮތި މާސްކް އެޅުން އެންމެ ރަނގަޅު ކަމަށާއި ފޮތި މާސްކް ފަހާނަމަ ޑަބަލް ލޭޔަރު މާސްކް ފެހުން ރަނގަޅުވާނެ ކަމަށް އެ ލިޔުމުގައި ވެ އެވެ.
“ކޮންމެ މީހަކަށް 3 މާސްކަށް ވުރެ ގިނައިން ގެންގުޅޭށެވެ. ހަޑިވުމުން މާސްކް ބަދަލުކުރަންވާނެއެވެ.” ލިޔުމުގައި ވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރަށްރަށުގައި އަމަލުކުރަންވީ ގޮތުގެ ބައެއް އުސޫލުތައް
- ކޮންމެހެން ދާންޖެހިއްޖެ ޙާލަތެއްގައި ނޫނީ އެއްގެއިން އަނެއް ގެޔަށް ޒިޔާރަތް ނުކުރުން
- ދޭދޭ މީހުން ދެމެދުގައި 3 ފޫޓަށްވުރެ ކުރުނޫން ދުރުމިން ބެހެއްޓުމަށް އާދަކުރުން
- އާއްމުތަންތަނަށް ނިކުންނަނަމަ މާސްކް އެޅުން
- އެކަކުއަނެކަކާއި ބައްދަލުވާއިރު އަތާއަތްޖޯޑުކޮށް ސަލާންކުރުންފަދަ ކަންކަން ނުކުރުން.
- އެކަކު އަނެކަކާއި ސީދާ ބައްދަލުވެ ކުރާ މުޢާމަލާތްތައް މަދުކުރުން.
- ބަލިމީހުން ގޭގައި ތިބެ ޞިއްޙީ ޚިދުމަތްތެރިޔާއަށް ގުޅައިގެން ފަރުވާ ހޯދުން.
- ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ނުވަތަ އުޅަނބޮށި ލަންބާލުމަށްފަހު އުޅަނބޮށީގެ އެތެރެފަރާތުން އަނގައާއި ނޭފަތް ނިވާކުރުން 8 .ބަލިމީހާ މާސްކް އަޅައިގެން އުޅުން އަދި ބަލިމީހާގެ އެހީތެރިޔާވެސް މާސްކް އެޅުން .
މީގެ އިތުރުން ބަލިމީހުން ގޭގައި ތިބެ ޞިއްޙީ ޚިދުމަތްތެރިޔާއަށް ގުޅައިގެން ފަރުވާ ހޯދުމަށް ވެސް އެޗްޕީއޭގެ ލިޔުމުގައި އެދިފައި ވެއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 800 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު، މިހާލަތުގައި ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ނޫން ގޮތަކަށް ބޭރަށް ނުދިއުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.
