ބ. އަތޮޅު ހޮސްޕިޓަލްގައި ކުރާ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުންދިޔަ ހޭނައްތާ މެޝިން މައްސަލަ ޖެހި އޮފަރޭޝަންކުރުން މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިދިޔަ ހަފްތާގައި މެޝިން މައްސަލަޖެހި އޮޕަރޭޝަންތައް ހުއްޓިފައިވިޔަސް މިދިޔަ ދުވަސްތަކުގައި އެހެން ހޮސްޕިޓަލަކަށް އެއްވެސް ބަލިމީހަކު ފޮނުވާލަން ޖެހޭފަދަ ހާލަތެއް ކުރިމަތި ނުވާކަމަށާއި އާ މެޝިނެއް ގެނައުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިޔަށްދާ ކަމަށެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދު ވިދާޅުވީ އޮކްސިޖަން ލީކްވުމުގެ މައްސަލަ ކުރިމަތިވެފައިވާ މި މެޝިންގެ ބަދަލުގައި އާ މެޝިނެއް ލިބިފައިވާ ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި މެޝިން އޭދަފުއްޓަށް ގެނެވޭވަރުވާނޭ ކަމަށެވެ.
“އޮކްސިޖަން ލީކްވާތީ ޑޮކްޓަރު އިރުޝާދު ދެއްވަނީ މެޝިން އާކުރުމަށް. އެހެންކަމުން މިދިޔަ ހަފްތާ މެދުތެރޭގައި ހިދްމަތް މެދުކަނޑާލީ. ނަސީބަކުން މިދިޔަ މަދު ދުވަސްކޮޅު އޮޕަރޭޝަނެއް ކުރަން ޖެހޭ ފަދަ މީހަކު ހޮސްޕިޓަލަކަށް ނުދައްކާ. މެޝިން ހުރީ ލިބިފައި. މިއަދު ދޯންޏަށް ވެސް އަރުވާނެ. އުއްމީދުކުރަނީ މާދަމާ ވެސް ލިބިދާނެ ކަމަށް،” ވަހީދު ވިދާޅުވި އެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ އެކްސްރޭ މެޝިން ވެސް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މައްސަލަ ޖެހި ދެ މަހެއްހާ ދުވަހަށް އެ ހިދްމަތް މެދުކެނޑުނެވެ. އެހެން ނަމަވެސް މިދިޔަ މަހުގެ ތެރޭގައި އާ މެޝިނަކާއެކު އެ ހިދްމަތް ވެސް ވަނީ ފަށައިފަ އެވެ.
ވަހީދު ވިދާޅުވީ ހޮސްޕިޓަލްގެ މެޝިންތަކަށް ދިމާވާ މިފަދަ މައްސަލަތައް މިނިސްޓްރީއާ ގުޅިގެން ވީހާ އަވަހަކަށް ހައްލު ކުރެވޭތޯ އަބަދު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
1968 ވަނައަހަރު ބ. އަތޮޅުގެ ހެލްތް ސެންޓަރު ނަމުގައި ފެށި ސިއްހީ ހިދްމަތް ފުޅާވަމުން ގޮސް އަތޮޅު ހޮސްޕިޓަލަކަށް ބަދަލުވީ 2001 ވަނަ އަހަރު އެވެ.
މީގެ ދުވަސްކޮޅެއް ކުރީން 41 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފައިވާ ބ. އަތޮޅު ހޮސްޕިޓަލްގެ ހިދްމަތުގެ ފެންވަރު މަތިކުރުމަށާއި ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ އެ ހޮސްޕިޓަލަށް އިތުރު ކުރެވުނު އާ އިމާރާތުގެ ބޭނުން ވެސް ކުރަން ފަށައިފަ އެވެ.
ބ. އޭދަފުށިން އަބްދުލްގައްޔޫމް