ރަންނާ އެވޯޑް: ޝަރަފުވެރިކަމާއި ހިތްވަރުދިނުމުގެ އެވޯޑް 15 ފަރާތަަކަށް

އެލްޖީއޭ އިން މިދިޔަ އަހަރު ބ. އަތޮޅުން އެންމެ ހިންގުންތެރި ކައުންސިލުގެ އެވޯޑް އޭދަފުށީ ކައުންސިލަށް ދެއްވަނީ. ބ. އަތޮޅު ކައުންސިލުންދޭ ރަންނާ އެވޯޑަށް 50 ފަރާތުން ކުރިމަތިލި – ފައިލް ފޮޓޯ
އެލްޖީއޭ އިން މިދިޔަ އަހަރު ބ. އަތޮޅުން އެންމެ ހިންގުންތެރި ކައުންސިލުގެ އެވޯޑް އޭދަފުށީ ކައުންސިލަށް ދެއްވަނީ. ބ. އަތޮޅު ކައުންސިލުންދޭ ރަންނާ އެވޯޑަށް 50 ފަރާތުން ކުރިމަތިލި – ފައިލް ފޮޓޯ

ބ. އަތޮޅު ކައުންސިލުންދޭ “ރަންނާ އެވޯޑް”ގެ ޝަރަފުވެރިކަމުގެ އެވޯޑާއި ހިތްވަރުދިނުމުގެ އެވޯޑް 15 ފަރާތަކަށް އަދި މަތީ ދަރަޖަ އާއި ކުޅިވަރުގެ ބައިންދޭ އެވޯޑް 6 ފަރާތަކަށް ދޭން ނިންމާފައިވާ ކަމަށް ބ. އަތޮޅު ކައުންސިލުން ބުނެފި އެވެ.

މީގެ އިތުރުން ހާއްސަ ހިދުމަތުގެ އެވޯޑާއި ހިންގުންތެރިކަމުގެ އެވޯޑު އަދި އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަށާއި އެންމެ ހިންގުންތެރި ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށްވެސް އެވޯޑު ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

މި އެވޯޑަށް 50 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށްވެސް އަތޮޅު ކައުންސިލުން ބުންޏެވެ.

ރަންނާ އެވޯޑަކީ، ގައުމީ ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޝަރަފުވެރިންނާއި ޚިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމުގެ މަގުސަދުގައި ދޭ އެވޯޑެއް ކަމަށް ބ. އަތޮޅު ކައުންސިލުން ބުންޏެވެ. އަދި ބ. އަތޮޅުގައި އިލްމީ ގޮތުން ގާބިލު ޖީލެއް އުފެއްދުމާއި ދަރިވަރުން ހޯދާ ޝަރަފުވެރި ވަނަތައް ފާހަގަކޮށް ހިތްވަރު ދިނުންވެސް މި އެވޯޑް ދިނުމުގެ މަގުސަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ރަންނާ އެވޯޑް ދެއްވާނީ، އަންނަ ބުރާސްފަތި ދުވަހުގެރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވާ ހާއްސަ ހަފްލާއެއްގަ އެވެ. އެ ހަފްލާ ޕީއެސްއެމްއިން ވަގުތުން ދުރަށް ދައްކާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ “ރަންނާ އެވޯޑް” ގެ ނަމުގައި މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި އެވޯޑް ދޭން ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ކިޔުންތެރިއެއް

    އަތޮޅު ފެންވަރުގައި ދޭ އެވޯޑަށް އަތޮޅުތެރޭ މަސައްކަތްކުރަމުންދާ ހިންގުންތެރި ޖަމިއްޔާތަކާއި ކްލަބުތަކަށް ހިތްވަރުދިނުމުގެ ގޮތުން އެވޯޑެއް ހާއްސަކުރެވިފައި ނެތުމަކީ ނުހަނު ހިތާމަހުރިކަމެއް!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.