ބޮޑު އީދު ފުޓްބޯޅަ މުބާރާތުގެ ކުރިން ޓީމުތަކުގެ ވާދަވެރިކަން ބޮޑުވެފައި

މިދިޔަ އަހަރު އޮތް ބޮޑު އީދު ފުޓްބޯޅަ މުބާރާތުގައި ޔުނައިޓެޑް ވީ އާއި އެމް.އޭ ޔުނައިޓެޑް ބައްދަލު ކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިދިޔަ އަހަރު އޮތް ބޮޑު އީދު ފުޓްބޯޅަ މުބާރާތުގައި ޔުނައިޓެޑް ވީ އާއި އެމް.އޭ ޔުނައިޓެޑް ބައްދަލު ކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

1990 ގެ އަހަރުތަކުން ފެށިގެން އޭދަފުށީފައި ބާއްވަމުން އަންނަ ބޮޑު އީދު ފުޓްބޯޅަ މުބާރާތަކީ ރަށުގެ ފުޓްބޯޅައިގެ ދިރުމެވެ. ފުޓްބޯޅަ އެއް ފެންވަރެއްގައި ދަމަހައްޓަން ކުރި އެންމެ ރަގަޅު މަސައްކަތެވެ. މި މުބާރާތުގެ ތަށި ހޯދުމަށް ޓީމުތަކުން ކުރާ ހަރަދާއި ޓީމުތަކުގެ ވާދަވެރިކަމަކީ ދެކެ ހުސްނުވާނެ ވާހަކައެކެވެ. އަވަށު ވާދަވެރިކަމުގައި ޓީމުތަކުން ނެގި ފޯރި މާޒިވެގެން ދިޔަކަމުގައިވެސް އަދިވެސް މުބާރާތުގެ ފޯރި ކުޑައެއް ނޫނެވެ. މިފަހަރުގެ މުބާރާތަށް ޓީމުތަކުން ކުރާ މަސައްކަތުން އެކަން ވަރަށް ސާފުކޮށް އެނގެއެވެ.

ކޮންމެއަކަސް މިފަހަރުގެ މުބާރާތް ފޯރިގަދަވާނެ ކަމުގެ ނިޝާންތައް ސޯޝަލް މީޑިޔާއިންނާއި ޓީމުތަކުން ދައްކަމުންދާ ވާހަކަތަކުން ވަރަށް ރަގަޅަށް އެނގިގެން ދެއެވެ. މުބާރާތް ފެށުމުގެ މާކުރިން ކުޅުންތެރިން ގަނެ ވިއްކުމުގެ ބާޒާރު ވަނީ ތިޔާގިވެފައެވެ. އެއްޓީމުން އަނެއް ޓީމަށް ކުޅުންތެރިން ގެންދިއުމަށް ޓީމުތަކުގެ މެނޭޖްމަންޓުން ފޯނު ކަންފަތުން ނައްޓާނުލައެވެ. ކުޅުންތެރިންގެ އަގު އިންތިހާއަށް އުފުލިފައިވާއިރު މިއީ ބައެއް ފަރާތްތަކަށް ޤަބޫލުކުރަން އުނދަގޫކަމަށްވެސް ވެދާނެއެވެ. ނަމަވެސް ހަގީގަތަކީ މިއީއެވެ. ބޭނުންވާ ކުޅުންތެރިޔާ ހޯދުމަށް ބައެއް ޓީމުތަކުން ޖީބު ހުސްކުރަން ޖެހުނަސް މިފަހަރު ތިބީ ތައްޔާރަށެވެ.

މިދިޔަ އަހަރު އޮތް ބޮޑު އީދު ފުޓްބޯޅަ މުބާރާތުގައި ސައިނޯސާ އާއި ސޮނެވާފުށި ޓީމް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިދިޔަ އަހަރު އޮތް ބޮޑު އީދު ފުޓްބޯޅަ މުބާރާތުގައި ސައިނޯސާ އާއި ސޮނެވާފުށި ޓީމް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިފަހަރުގެ މުބާރާތަށް ދައުވަތު ދެވިގެން 6 ޓީމެއް އޭދަފުށިން ނިކުންނާނެއެވެ. ޓީމުތަކުގެ ފެންވަރާއި މެދު އެއްޗެއް ބުނަން އަދި މާ އަވަހެވެ. ނަމަވެސް ވާދަވެރިކަމާއިމެދު ދެބަސްނުވެވޭނެ އެއްކަމެއް އެބައޮތެވެ. އެއީ ސައިނޯސާ އާއި އެންޖޯއީ ފްރެންޑްސް ގެ ކުރިމަތިލުންތަކެވެ. ކުޅުންތެރިން ހޯދުމުގައި މިފަހަރު ކުރީގައި އުޅެނީ ސައިނޯސާއެވެ. މުބާރާތުގެ އެންމެ ކާމިޔާބު އެއްޓީމުން މި ރޭހުގައި މަސައްކަތް ކުރަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ސައިނޯސާއިން މިފަހަރު ބޭނުންވަނީ އެމީހުންގެ 11 އަހަރުގެ ނާކާމިޔާބީ ނިމުމަކަށް ގެންނާށެވެ. ހުނަރުވެރި ކުޅުންތެރިންތަކެއްގެ ސޮއި އެޓީމުން މިފަހަރު ހޯދީ މި ބޭނުމުގައެވެ. އޭގެ ތެރޭގައި އިޝާން އިބްރާހީމް (ސައްޓު) އަދި މާޒިޔާގެ ޔަސްފާދު ހަބީބް (މުލަކޭ) ގެންދިއަކަން އެޓީމުން ވަނީ ޔަގީންކޮށްދީފައެވެ.

މިދިޔަ އަހަރު އޮތް ބޮޑު އީދު ފުޓްބޯޅަ މުބާރާތުގައި އެންޖޯއި ފްރެންޑްސް އާއި އެމް.އޭ ޔުނައިޓެޑް ބައްދަލު ކުރި މެޗްގެ ތެރެއިން|އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިދިޔަ އަހަރު އޮތް ބޮޑު އީދު ފުޓްބޯޅަ މުބާރާތުގައި އެންޖޯއި ފްރެންޑްސް އާއި އެމް.އޭ ޔުނައިޓެޑް ބައްދަލު ކުރި މެޗްގެ ތެރެއިން|އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އިރުމަތީއަވަށު ފުޓްބޯޅައިގެ ތެރެއިން މީގެ 9 ވަރަކަށް އަހަރު ކުރިން އުފެދިގެން އައި އެންޖޯއީ ފްރެންޑްސްގެ އަމާޒަކީ ހަމައެކަނި ތައްޓެއް ނޫނެވެ. އެޓީމުން ބޭނުންވަނީ ސައިނޯސާ އެޓީމުގެ އަތްދަށު ކުރުމެވެ. މުބާރާތުގެ ތާރީހުގައި މިދެޓީމު ބައްދަލުކުރި ތިންމެޗުގައިވެސް ސައިނޯސާ އަތުން އެޓީމު ބަލިވެފައެއް ނުވެއެވެ. ދިގު މާޒީއެއް ނެތަސް އެޓީމުންވެސް ވަނީ 2008 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ޓީމު ވަރުގަދަ ކުރުމަށް މިފަހަރު އެޓީމުންވެސް ދަނީ ގިނަ ކުޅުންތެރިތަކަކަށް ފާރަލަމުންނެވެ.

2012 ވަނަ އަހަރު އޮތް ފުޓްބޯޅަ މުބާރާތުގައި ރުވާ ސްޕޯޓްސް އާއި އެމް.އޭ ޔުނައިޓެޑް ބައްދަލުކުރި މެޗްގެ ތެރެއިން | ފޮޓޯ:ފޭސްބުކް
2012 ވަނަ އަހަރު އޮތް ފުޓްބޯޅަ މުބާރާތުގައި ރުވާ ސްޕޯޓްސް އާއި އެމް.އޭ ޔުނައިޓެޑް ބައްދަލުކުރި މެޗްގެ ތެރެއިން | ފޮޓޯ:ފޭސްބުކް

އެއްއަހަރުގެ މެދުކެނޑުމަކަށްފަހު ނިކުންނަ ރުވާ ސްޕޯޓްސް ބަލިކުރަން އެހެން ޓީމުތަކަށް އުނދަގޫވާނެކަމަށް އެޓީމުން ބުނެއެވެ. ކުޅުންތެރިން ހޯދުމުގައި އެޓީމުން އަވަދިނެތި މަސައްކަތް ކުރާއިރު، ހުރިހާ ޓީމަކުންވެސް ޖެހިލުންވާފަދަ ކުޅުންތެރިއަކު އެޓީމުން ފެނުން ގާތްކަމަށް މެނޭޖްމަންޓުން ބުނެއެވެ. މީގެ ކުރިން މި މުބާރާތް ކާމިޔާބު ކުރެވިފައިނުވާ ރުވާ ސްޕޯޓްސް އިން ބުނަނީ ވާދަވެރި ވަކި ޓީމެއް ނެތްކަމަށާއި، ނިކުންނާނީ ކޮންމެ ޓީމެއްވެސް ބަލިކުރަންކަމަށެވެ.

މީގެ ކުރިން ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ އެމް.އޭ ޔުނައިޓެޑަކީ 2000 ގެ އަހަރުތަކަށްފަހު މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. މިވަގުތު ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ރަގަޅު ފޯމުގައި ހުރި ޢަލީ ފާސިރު (ސެންޓޭ) ނިސްބަތްވާ މި ޓީމަކީ އިދިކޮޅު ޓީމުތަކުން މިފަހަރުވެސް ޖެހިލުންވާނެ ޓީމެކެވެ. ޒުވާން ކުޅުންތެރިންތަކަކާއި އެކު މީގެ ކުރިން މޮޅު ކުޅުމެއްދެއްކި ސަންސެޓް ޓީމުގެ ބަދަލުގައި މިފަހަރު ފެންނާނީ ޓީމް ހުސްސޮގުންނެވެ. އެޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިންގެ ބާޒާރުގައި ޓީމަށް ނިސްބަތްވާ ކުޅުންތެރިން ހިފަހައްޓަން އުނދަގޫވުމެވެ. އެކަމުވެސް ޒުވާން ހުނަރުވެރިން އެޓީމުން މިފަހަރު ފެނިގެންދާނެއެވެ. ދެން އޮތީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ވާހަކައެވެ. އެތަން އަހަރެއް ވަންދެން ކުރި މަސައްކަތުން މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކުރި ޔުނައިޓެޑްވީގެ މެނޭޖްމަންޓް މިފަހަރު ތިބީ ހަމަޖެހިލައިގެންނެވެ. ކުޅުންތެރިން ހޯދުމުގައި މާބޮޑު މަސައްކަތެއް ނުކުރިޔަސް މިފަހަރުވެސް ނެރޭނީ ތައްޓަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއް ކަމަށް އެޓީމުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.