ކުޑަކުދިންނަށާއި އާއިލާގެ އެކިއެކި މީހުންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޖެންޑާ މިނިސްޓަރީން މިދިޔަ އަހަރު ބ. އޭދަފުށީގައި ހުޅުވި ފެމެލީ އެންޑް ޗިލްޑްރަން ސެންޓަރުން ޕްރޮގްރާމްތައް ހިންގުމުގައި އެންމެ ބޮޑަށް ދިމާވާ އެއް މައްސަލަ އަކީ ބަޖެޓްގެ ދަތިކަން ކަމަށް އެ ސެންޓުން ބުނެފި އެވެ.
އެ ސެންޓްރުގެ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ ބުރާސްފަތި ދުވަހު މީޑިޔާ އަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމައި އެ ސެންޓަރުގެ ސޯޝަލް ސާވިސް އޮފިސަރ އަބްދުﷲ އަޝްރަފު ވިދާޅުވީ، މި އަހަރު އެ ސެންޓަރަށް ލިބިފައިވާ ބަޖެޓް ވަރަށް ކުޑަ ކަމަށާއި، އެ ގޮތުން މި އަހަރު މިހާތަނަށް ލިބިފައި ވަނީ ވެސް ފުރަތަމަ 6 މަސް ދުވަހުގެ ބަޖެޓް އެކަނި ކަމަށެވެ.
”މި ސެންޓަރުން ކިޔަވާ ކުދިންނަށް ހާއްސަކޮށް އެ ކުދިންގެ މާހައުލުން ކުރިމަތިވާ އެކިއެކި ކަންތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ޕްރޮގްރާމުތަކެއް ވަނީ ރާވާފައި. އެހެން ނަމަވެސް އަޅުގަޑުމެންނަށް މިހާތަނަށް ލިބިފައި ވަނީ މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ބަޖެޓް ކަމަށް ވާތީ، މި ޕްރޮގްރާމުތައް ކުރިއަށް ގެންދެވޭނެ ކަމަށް ފެންނަނީ އަހަރުގެ ބާކީ އޮތް 6 މަސް ދުވަހުގެ ބަޖެޓް ލިބުމުން،” އަޝްރަފު ވިދާޅުވި އެވެ.
”އެ ބަޖެޓް ލިބޭނެކަމުގެ ޔަގީންކަމެއް އަޅުގަޑުމެންނަށް ދެއްވާފައެއް ނެތް. އެހެންނަމަވެސް އުއްމީދު ކުރެވެނީ ލިބޭނެ ކަމަށް.”
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެ ސެންޓަރުން ބޮޑަށް އިސްކަން ދެނީ އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން އެ ސެންޓަރާ ވީހާ ވެސް ބޮޑަށް ގުޅިގެން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމެވެ.
”އަޅުގަޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް މި އަތޮޅު ތެރޭގައި އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން އަޅުގަޑުމެންނާ ވީހާ ވެސް ބޮޑަށް ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އިސްކަންދިނުން.”
އެ ސެންޓަރުން ބުނީ އެ ސެންޓަރުގެ އަމާޒަކީ ކޮންމެ އަހަރަކު ވެސް އެންމެ މަދު ވެގެން 2 ފަހަރު އަތޮޅުގެ ކޮންމެ ރަށަކަށް ޒިޔާރަތްކޮށް ޕްރޮގްރާމުތަކެއް ހިންގުން ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު 1 އަހަރު ފުރުނު ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް އެކި ކަހަލަ ހަރަކާތްތައް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން އަދި ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވޭ ދުވަސްތައް ރަށްރަށުގައި ފާހަގަކުރުމާއި އެ ފަރާތްތަކަށް ދިމާވާ މައްސަލަތަކާ ގުޅިގެން ހޭލުންތެރިކަމުގެ ގިނަ ޕްރޮޤްރާމްތަކެއް ހިންގުން ފާހަގަ ކޮށްލެވެ އެވެ.
އެ ސެންޓަރުން ބުނީ އަހަރީ ދުވަހާ ގުޅިގެން މި އަތޮޅު ކެންދޫގައި މި ހަފްތާ ބަންދު ތެރޭގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން ވެސް ވިސްނަމުން އަންނަ ކަމަށެވެ.
ބ. އޭދަފުށިން އަހުމަދު ނާސިރު