އުރީދޫން، ރާއްޖެއަށް 2.5 މިލިއަން ރުފިޔާގެ އެހީ ދީފި

ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ ގްރޫޕް އާއި އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް މިއަދު 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އާއި މިއަދު އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން، އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިންގ ކިޓް ހޯދުމުގައި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން، އުރީދޫ އިން ފޯރުކޮށްދީފައިވާ އެހީތެރިކަމެއް ކަމަށެވެ.

“އުރީދޫ އަކީ އަބަދުވެސް ދިވެހިންނާއި އެކު ތިބި ބަޔެއް. ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން މުޖުތަމައުގެ އެކި ފަރާތްތަކަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގައި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން އަރުވަން. މި ހާލަތުގައި ރާއްޖެއަށް އެހީތެރިވުމަށް ކުރެވޭ މަސައްކަތުގައި ދެއްވަމުން ގެންދަވާ އެއްބާރުލުމަށްޓަކައި، އުރީދޫ ގްރޫޕްގެ ޗެއަރމަން، ހިޒް އެކްސެލެންސީ ޝައިޚް ފައިސަލް ބިން ޘާނީ އަލް ޘާނީ، އުރީދޫ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހިޒް އެކްސެލެންސީ ސައުދް ބިން ނާސިރް އަލް ޘާނީ، އުރީދޫ ގްރޫޕްގެ ބޯޑް އޮފް ޑައިރެކްޓަރސް އަދި އުރީދޫ މޯލްޑިވްސްގެ ބޯޑް އޮފް ޑައިރެކްޓަރސް އަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ ދުޢާއަކީ، އުރީދޫއިން ފޯރުކޮށްދޭ އެހީތެރިކަމާއިއެކު ސަރުކާރުން ކުރައްވާ މަސައްކަތަށް އިތުރު ހިއްވަރެއް ލިބި، ކޮވިޑް-19 ޕެންޑެމިކްގެ އަސަރުކޮށްފައިވާ ރާއްޖޭގެ އެންމެހާ ފަރާތްތަކާއި ގައުމުގެ އިގްތިސާދަށް ރަނގަޅު ހެޔޮ ބަދަލެއް الله ސުބުޙާނަހޫ ވަތަޢާލާ މިންވަރުކުރެއްވުން.” އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫން ބުނިގޮތުގައި ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ކުރެވިފައިވާ ކަންކަމުގެ ތެރޭގައި އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

މުޅި ދުނިޔެއަށް އަދި ދިވެހިރާއްޖެއަށް މިފަދަ ޙައްސާސީ ހާލަތެއް ދިމާވެފައިވާހިނދު، މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކުން އާންމުންގެ ރައްކާތެރިކަމާއި އިގްތިސާދީ ހަރަކާތްތައް ހިންގުމަށް މުހިންމު ދައުރެއް އަދާކުރަންވާނެކަމަށް އުރީދޫ މޯލްޑިވްސްއިން އަބަދުވެސް ޤަބޫލުކުރެއެވެ. ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމުގައި ކުރިޔަށް އޮތްތަނުގައިވެސް އުރީދޫ މޯލްޑިވްސް ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.