އުރީދޫން އެންއީއޯސީ އަށް އިންޓިއުބޭޝަން ބޮކްސްތަކެއް ހަދިޔާކޮށްފި

އުރީދޫ މޯލްޑިވްސްއިން މިއަދު 50 އިންޓިބޭޝަން ބޮކްސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއ (އެންއީއޯސީ) އަށް ހަދިޔާކޮށްފިއެވެ.

އުރީދޫން ބުނިގޮތުގައި މި އިންޓިއުބޭޝަން ބޮކްސްތަކަކީ ކޯވިޑް 19 އާއި ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ސިއްހީ ދާއިރާގެ ބޭފުޅުންނަށް ސަލާމަތްތެރިކަން ހޯދުމަށް އެޅޭނެ އިތުރު ފިޔަވަޅެކެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހޯދިފަ ހުރުމީ، މިފަދަ ހާލަތެއްގައި އެންމެ މުހިންމު ކަންކަމުގެ ގޮތުގައި އެ ކުންފުނިން ދެކެ އެވެ.

އިންޓިއުބޭޝަން ބޮކްސްއަކީ ކޯވިޑް 19 އަށް ފައްސިވެފައިވާ ބަލިމީހުންނަށް އިންޓިއުބޭޝަންގެ ޕްރޮސީޖަރ ކުރިޔަށްދާ ވަގުތު ބަލި މީހާއާއި ހިދުމަތްދޭ ފަރާތް ވަކިކޮށްލުމަށް ދާދި ފަހުން ޓައިވާންގައި ތައްޔާރުކުރެވިފައިވާ އެތެރެފެންނަ ޕޮލިކާބޮނޭޓް ފޮށިތަކެކެވެ. އިންޓިއުބޭޝަން ޕްރޮސީޖަރ އަކީ އަނގައިން ނުވަތަ ނޭފަތުން ޓިއުބެއް މެދުވެރިކޮށް ވެންޓިލޭޓަރަކާއި ގުޅާލުމަށް ނޭވާލާ ހޮޅި ހުޅުވާލުމެވެ. މި ޓިއުބް ގުޅާ ވަގުތު ބަލި މީހާގެ ހަށިގަނޑުން ގޭސް ނުވަތަ ފެން ބޭރުވެގެން ދާނެއެވެ. އެހެންކަމުން އިންޓިއުބޭޝަން ޕްރޮސީޖަރ ކުރިއަށްދާ ވަގުތަކީ ޕްރޮސީޖަރ ހައްދަވާ ބޭފުޅާއަށް ވައިރަސް އާއި ކޮންޓެކްޓް ވުމުގެ ފުރުސަތު ބޮޑު ވަގުތަކަށްވުމާއިއެކު، މި އިންޓިއުބޭޝަން ބޮކްސް ގެ ބޭނުންތެރިކަން މި ފަދަ ހާލަތެއްގައި ނުހަނު މުހިންމެވެ. ޓައިވާންގެ މި އުފެއްދުން މެޓަލް ސައިންސްއިންވަނީ އައި.ޖީ.އެމް.އެޗް ގެ ސިއްހީ މާހިރުންނާ ގުޅިގެން ރާއްޖޭގެ ސިއްހީ މާހައުލާ ގުޅޭގޮތަށް ޕްރޯޓޯ ޓައިޕްއެއްގެ ގޮތުގައި ތައްޔާރުކޮށްފައެވެ.  

“ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ އެންމެހާ ބޭފުޅުން، ހާއްސަކޮށް ސިއްހީދާއިރާގައި މަސައްކަތްކުރަމުން ދާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަކީ ކޯވިޑް 19 ފެތުރުން ހުއްޓުވުމަށް މިވަގުތު އެންމެ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެވެ. މި ކަންކަން ފުރިހަމަކުރުމުގައި އެއްބާރުލުންދިނުމަކީ އެންމެންގެވެސް ޒިންމާއެއް ކަމުގައި ދެކިގެން، މިއަދު މި ހަދިޔާކުރެވުނު އިންޓިއުބޭޝަން ބޮކްސްތަކާއިއެކު ސިއްހީދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް އިތުރު ރައްކާތެރިކަމެއް ލިބި، ހިދުމަތް ދިނުމުގައި އާހިތްވަރެއް ލިބިގެންދާނެކަމަށް އުންމީދުކުރަމެވެ.  މި ވަގުތަށް ވަރަށް މުހިންމު އާލާތެއްކަމަށް ވާ މި އިންޓިއުބޭޝަން ބޮކްސްތައް ހޮސްޕިޓަލްތަކަށް ވީ އެންމެ އަވަހަށް ހަވާލު ކުރުމަށްޓަކައި މެޓަލް ސައިންސް އިން ބާރު ސްޕީޑެއްގައި ކުރެއްވި މަސައްކަތަށް އުރީދޫގެ ނަމުގައި ފަށްފަށުން ޝުކުރު އަދާކުރަން.” އުރީދޫގެ އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

ރައީސް އޮފީސް، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އަދި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން، ދާދި ފަހުން އުރީދޫ ގްރޫޕް އާއި އުރީދޫ މޯލްޑިވްސް އިން ވަނީ ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން، އުރީދޫއިން ދަނީ އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. އުރީދޫގެ ކަސްޓަމަރުންނަށް މިދުވަސްވަރު ދިމާވާދަތިތަކަށް ލުޔެއް ހޯދާދިނުމުގެ ގޮތުން ސްޕެޝަލް އޮފަރއެއްގެ ގޮތުގައި ހިލޭ ޑޭޓާގެ އިތުރުން ހާއްސަ ޕޭމަންޓް ޕްލޭންތަކެއްވެސް ވަނީ ތައާރަފް ކުރެވިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.