މާދަމާ ހުޅުވާނީ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރުތަކާއި އަތޮޅުތެރޭގެ ބްރާންޗުތައް

ބޭންކިން ހިދުމަތް ދޭ ދުވަސްތައް އިތުރު ކުރަން އެޗްޕީއޭއިން ފުރުސަތު ދީފައިވާ ނަމަވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯމަ ދުވަހު ހުޅުވާނީ ކަސްޓަމާ ސާވިސް ސެންޓަރާއި ރަށްރަށުގެ ބްރާންޗްތައް ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ބުނީ އެ އުސޫލާ އެއްގޮތަށް އަންނަ ހޯމަ ދުވަހު މާލޭގައި ހުޅުވާ ހިދުމަތް ދޭން ފަށާނީ އަމީނީ މަގުގައި ހުންނަ އެ ބޭންކުގެ ކަސްޓަމާ ސާވިސް ބްރާންޗުންނެވެ.

އެގޮތުން ކުރިއަށް އޮތް ދެ ހަފްތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:30 އިން މެންދުރުފަހު 2:00 އަށް ކަސްޓަމާ ސާވިސް ސެންޓަރުން ކާޑު ދޫކުރުމުގެ ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. ނަމަވެސް އެ ހިދުމަތް ދެމުން ގެންދާނީ އެޕޮއިންޓްމަންޓް ހައްދައިގެން ގައިދުރުކުރުމުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ބޭންކުން ބުންޏެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އިން ވަނީ އަންނަ ޖޫން 1-16 އަށް ކޮންމެ ހަފުތާއަކު ތިން ދުވަހު ބޭންކު ހުޅުވަން ނިންމައިފަ އެވެ. އެއީ ކޮންމެ ހޯމައަކާއި އަންގާރަ އަދި ބުރާސްފަތި ދުވަހެވެ. މި ތިން ދުވަހު ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރުން އެޕޮއިންޓްމަންޓު ހައްދާ ކަސްޓަމަރުންނަށް ކާޑުގެ ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލުން ބުނިގޮތުގައި، ހޯމަ ދުވަހުން ފެށިގެން ކާޑު ނެގުމަށް އެޕޮއިންޓްމަންޓު ހައްދަން ފުރުސަތު ހުޅުވައިލާނެ އެވެ. އެގޮތުން ކަސްޓަމަރުގެ ފޯން ނަންބަރާއި އައިޑީ ކާޑު ނަންބަރާއި ނަމާއި މިހާރު އުޅޭ އެޑްރެސް 455 އަށް އެސްއެމްއެސް ކުރުމުން އެޕޮއިންޓްމެންޓް ހެއްދޭނެ އެވެ. މި މެސެޖު ފޮނުވާއިރު ކޮންމެ މައުލޫމާތެއް ވެސް ލިޔަން ޖެހޭނީ ވަކި ލައިނެއްގަ އެވެ.

އެޕޮއިންޓްމަންޓު ހަމަޖެހޭ ކަސްޓަމަރުން ކާޑާ ހަވާލުވާން ދާން ޖެހޭނީ މާސްކު އަޅައިގެން ކަސްޓަމާ ސާވިސް ސެންޓަރުގައި ބަހައްޓާފައިވާ ނިޝާންތަކާ އެއްގޮތަށް ސޯޝަލް ޑިސްޓެންސިން އަށް ބަލައިގެންނެވެ.

ބީއެމްއެލުން ވަނީ މި ދަނޑިވަޅު އެންމެ ރިސްކު ބޮޑު ކަސްޓަމަރުންނަށް ޑެލިވަރީގެ ހިދުމަތް ދޭން ވެސް ނިންމައިފަ އެވެ. މި ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އައިޑީކާޑު ނަންބަރު ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް “Card Delivery” ޖެހުމަށް ފަހު 7990200 ނުވަތަ 9990200 އަށް އެސްއެމްއެސް ކުރުމުން ބޭންކުން އެ ކަސްޓަމަރަކަށް ގުޅައިގެން ގެއަށް ކާޑު ޑެލިވަރީ ކޮށްދޭނެ އެވެ.

މާލެ ސަރަހައްދުގެ ބްރާންޗުތަކުގެ ތެރެއިން ހޯމަ ދުވަހުން ފެށިގެން ކަސްޓަމާ ސާވިސް ސެންޓަރު އެކަނި ހުޅުވަން ނިންމި ނަމަވެސް އެ ދުވަހުން ފެށިގެން އަތޮޅުތަކުގެ ބްރާންޗުތައް ހުޅުވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. ނަމަވެސް މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށެއްގެ ބްރާންޗު ނުހުޅުވާނެ އެވެ. މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ނ. މަނަދޫ އެކަންޏެވެ.

އަންނަ ހަފްތާގައި މާލެ ސަރަހައްދުގެ އިތުރު ބްރާންޗުތައް ހުޅުވާއިރު އޮންލައިން އަދި ސެލްފްސާވިސް ބޭންކިން މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް ލިބޭނެ އެވެ. މި ހިދުމަތްތައް ހޯދުމަށް ވެސް އެޕޮއިންޓްމަންޓު ހައްދަން ޖެހޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަންނަ ހަފްތާއިން ފެށިގެން ބީއެމްއެލުން ހުޅުވާލާނީ އެ ބޭންކުގެ މެއިން ބްރާންޗާއި ހުޅުމާލެ ބްރާންޗާއި ވިލިމާލެ ބްރާންޗާއި ބީއެމްއެލް އިސްލާމިކް އާއި ލޯން އަދި އެކައުންޓް އޯޕަނިން ސެންޓަރުގެ އިތުރުން ބިޒްނަސް ސެންޓަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.