ބީއެމްއެލް އިން މިއަދުން ފެށިގެން ކަސްޓަމަރުންނަށް ކާޑު ދޫކުރާނީ އެޕޮއިންޓްމަންޓަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގެ ކަސްޓަމާ ސާވިސަސް ސެންޓަރުން، މިއަދުން ފެށިގެން އެޕޮއިންޓްމަންޓް ހައްދައިގެން ކާޑު ދޫކުރަން ފަށާނެ އެވެ.

ބީއެމްއެލް އިން ބުނީ މާލޭ ސިޓީގެ ފުރަ ބަންދަށް ލުއި ތަކެއް ލިބުމާއެކު މިއަދުން ފެށިގެން ބީއެމްއެލް ކަސްޓަމަރާ ސާވިސް ސެންޓަރު [އަމީނީމަގު] އިން ކާޑު ދޫކުރަން ފަށާއިރު، ކާޑު ދޫކުރާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިދުރުކަން [ސޯޝަލް ޑިސްޓެންސިން] ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެގޮތުން ދުވާލަކަށް ހިދުމަތް ދޭނީ 300 ކަސްޓަމަރުންނަށް ކަމަށެވެ.

މި ގޮތަށް އެޕޮއިންޓްމަންޓް ހައްދަން ޖެހޭނީ މާލޭގައި އެކަންޏެވެ.

މިއަދުން ފެށިގެން މިމަހުގެ 16 ވަން ދުވަހާ ހަމައަށް ކާޑު ދޫކުރުމަށް ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރު ފަހު 2:00 އަށެވެ.

ބީއެމްއެލުން ބުނިގޮތުގައި، މިއަދުން ފެށިގެން ކާޑު ނެގުމަށް އެޕޮއިންޓްމަންޓު ހައްދަން ފުރުސަތު ހުޅުވައިލާނެ އެވެ. އެގޮތުން ކަސްޓަމަރުގެ ފޯން ނަންބަރާއި އައިޑީ ކާޑު ނަންބަރާއި ނަމާއި މިހާރު އުޅޭ އެޑްރެސް 455 އަށް އެސްއެމްއެސް ކުރުމުން އެޕޮއިންޓްމެންޓް ހެއްދޭނެ އެވެ. މި މެސެޖު ފޮނުވާއިރު ކޮންމެ މައުލޫމާތެއް ވެސް ލިޔަން ޖެހޭނީ ވަކި ލައިނެއްގަ އެވެ.

އެޕޮއިންޓްމަންޓު ހަމަޖެހޭ ކަސްޓަމަރުން ކާޑާ ހަވާލުވާން ދާން ޖެހޭނީ މާސްކު އަޅައިގެން ކަސްޓަމާ ސާވިސް ސެންޓަރުގައި ބަހައްޓާފައިވާ ނިޝާންތަކާ އެއްގޮތަށް ސޯޝަލް ޑިސްޓެންސިން އަށް ބަލައިގެންނެވެ.

ބީއެމްއެލުން ވަނީ މި ދަނޑިވަޅު އެންމެ ރިސްކު ބޮޑު ކަސްޓަމަރުންނަށް ޑެލިވަރީގެ ހިދުމަތް ދޭން ވެސް ނިންމައިފަ އެވެ. މި ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އައިޑީކާޑު ނަންބަރު ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް “Card Delivery” ޖެހުމަށް ފަހު 7990200 ނުވަތަ 9990200 އަށް އެސްއެމްއެސް ކުރުމުން ބޭންކުން އެ ކަސްޓަމަރަކަށް ގުޅައިގެން ގެއަށް ކާޑު ޑެލިވަރީ ކޮށްދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.