ސެންޓޭ، ހަމްޕު، ސައްޓު އަދި ކިތުނާ ގައުމީ ޓީމުގައި

ސެންޓޭ، ހަމްޕު، ސައްޓު އަދި ކިތުނާ ގައުމީ ސްކޮޑްގައި ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިންގެ ސީނިއާ ގައުމީ ސްކޮޑަށް ނެގި 32 ކުޅުންތެރިންގެ ލިސްޓުގައި އޭދަފުއްޓަށް ނިސްބަތްވާ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު)، އިޝާން އިބްރާހީމް އަދި ގޮއިދޫ އަށް އުފަން ފޯވާޑް އާދަމް ނިޒާމް (ކިތުނާ) ހިމެނިއްޖެ އެވެ.

ކޮލިފައިން މެޗުތަކަށް ނެގި ސްކޮޑް އިއުލާންކުރުން އޮތީ އިއްޔެ އޮތް އޮންލައިން ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ނަންތައް އިއުލާންކުރީ ގައުމީ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ.

ގައުމީ ޓީމުގައި އޭދަފުށީގެ ތިން ކުޅުންތެރިން ހިމެނުނުއިރު މީގެ ކުރިން ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ބައެއް މެޗުތައް ކުޅެފައިވާ އޭދަފުށީގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން ހިމަނާފައެއްނުވެ އެވެ. ކްލަބް އީގަލްސް އަށް ކުޅޭ ހައިޝަމް ބާކީކުރީ އަނިޔާގެ ސަބަބުން ދާދިފަހުން އޭނާގެ ފައިގެ ސާޖަރީއެއް ހަދާފައިވާތީ އެވެ.

އޭދަފުށިން ހިމެނުނު ތިން ކުޅުންތެރިންގެ ތެރެއިން ކްލަބް އީގަލްސްގެ ސެންޓޭ އަކީ މިދިޔަ 10 ވަރަކަށް އަހަރު ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގޯލު ޖަހައިދިން ކުޅުންތެރިއަކީ ވެސް ސެންޓޭ އެވެ. އަދި، ސެންޓޭ ވަނީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ އަހަރު ހޯދައިފަ އެވެ. މިހާރު މާޒިޔާ އަށް ކުޅެމުން އަންނަ ހަމްޕު އަކީ ކްލަބް ލެވެލް އާއި ގައުމީ ޓީމުގެ މެޗުތަކުގައި ވެސް އެއް ފެންވަރެއްގައި ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި މާޒިޔާގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ހަމްޕު ވަނީ ގައުމީ ޓީމުގެ މެޗުތަކުގައި އެ ކުޅުން ތަކުރާރުކޮށްފަ އެވެ. ހަމްޕު އަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

މިދިޔަ ސީޒަނުގައި 21 މެޗުން ޓީސީ ސްޕޯޓްސް ކްލަބަށް 16 ގޯލު ޖަހައިދިން ސައްޓުގެ ނަން ފެބްރުއަރީ މަހު ގައުމީ ސްކޮޑުގައި ހިމެނީ އެސިސްޓެންޓް ކޯޗުކަމާއި އަލީ ސުޒޭން ހަވާލުވި ފަހުންނެވެ. އޭގެފަހުން މިދިޔަ ހަފްތާތެރޭ އެފްއޭއެމުން ވަނީ ގައުމީ ޓީމުގެ ކުޅުންތެރިން ހިމަނައިގެން ހަދާފައިވާ ވައިބަރ ގްރޫޕުން ސައްޓު ބޭރުކޮށްފަ އެވެ. އަދި، އޭރު އާއްމުކުރި 25 ކުޅުންތެރިންގެ ލިސްޓުން ވެސް ސައްޓުގެ ނަން އުނިކުރި އެވެ.

އެހެންނަމަވެސް އެފްއޭއެމުން ބުނަމުން އައީ ސްކޮޑަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. މީޑިއާތަކަށް ތިލަވި ވާހަކަތަކަށް ފަހު އެފްއޭއެމުން ފަހުން އާއްމުކުރި ލިސްޓުގައި ސައްޓު ހިމެނޭގޮތަށް ވައިބަރ ގްރޫޕުން ބޭރުކުރި ކުޅުންތެރިންތައް ވަނީ ހިމަނާފަ އެވެ.

ކުރު މުއްދަތެއްގެ އެއްބަސްވުމުގެ ދަށުން މާޒިޔާ އަށް ބަދަލުވި ކިތުނާ ގައުމީ ސްކޮޑުން ފުރުސަތު ލިބުނީ ދެ ވަނަ ޑިވިޝަނުގެ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ގައި ދެކި މޮޅު ކުޅުމުންނެވެ. ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ސުޕަރ ޔުނައިޓެޑަށް ކިތުނާ ކުޅުނީ ބ. ސޮނޭވާފުށީގައި ވަޒީފާ އަދާކުރަމުންނެވެ. ކިތުނާ ވަނީ ދެ ވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ހަތް ގޯލާއެކު ލަނޑު ލިސްޓުގެ އެއް ވަނަ ވެސް ހޯދައިފަ އެވެ. ރިސޯޓުގައި ވަޒީފާ އަދާކުރަމުން ކިތުނާ ދެ ވަނަ ޑިވިޝަނުގެ މެޗުތައް ކުޅުނީ ސުޕަރ ޔުނައިޓެޑް މެޗުތައް ކުޅުނު ދުވަހު މާލެ އައިސްގެންނެވެ.

ކޮލިފައިންގައި ރާއްޖެ އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އޮކްޓޫބަރު 13 ވަނަ ދުވަހު މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭއިރު ކޮލިފައިންގެ ފަހު މެޗުގައި ނޮވެމްބަރު 17 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.