ބީއެމްއެލް އިން 4 ރަށެއްގައި އޭޓީއެމް ބަހައްޓަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން ހަތަރު ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ނިންމައިފިއެވެ.

ބީއެމްއެލުން ބުނިގޮތުގައި މިއީ ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެދަށުން ބެހެއްޓޭ އޭޓީއެމްއެވެ. އެގޮތުން އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވަނީ ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށީގައެވެ.

ބީއެމްއެލް އިން ބުނީ ބޭންކިންގ ވިއުގަ ފުޅާކުރުމަށް ރޭވިފައިވާ މަސައްކަތްތަކަށް ބަލާއިރު ކުރިއަތް އޮތް މަސްތަކުގެތެރޭގައި އިތުރު ސެލްފް ސަރވިސް އޭޓީއެމް ގާއިމްކުރުމާއި  ބޭންކިންގ ހިދުމަތްތައް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މި އޭޓީއެމްތަކަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއެކު ބޭންކިންގ ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ތަކެއް ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން އެންމެ ޒަމާނީ ބޭންކިންގ ޚިދުމަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ލިބޭނެ ގޮތް މަގުފަހިކުރުމުގެ ގޮތުން މުހިންމު އިންވެސްޓްމަންޓްތައް ކުރަމުން އަންނަ ކަމަށެވެ.

“ކޮވިޑް އާ ގުޅިގެން ދަތުރުފަތުރުތަކަށް އަސަރުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށްވެސް އޭގެ ދަތިތަކާ ކުރިމަތިލާން ޖެހުނު. އެހެން ނަމަވެސް މިހާރުމިވަނީ އޭޓީއެމްތައް އަޅުނގަޑުމެންނާ ހަމަޔަށް ލިބިފަ. އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިދަނީ މިރަށްތަކަށް އޭޓީއެމް ގެންދިޔުމުގެ މަސައްކަތް. އަޅުގަނޑުގެ އުއްމީދަކީ ކުރިއަށްއޮތް ހަފްތާތަކެއްގެ ތެރޭގައި މަސައްކަތްތައް ނިމިގެންދާނެކަމަށް،” ޓިމް ސޯޔަރ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.