މެދުއިރުމަތީގެ އެންމެ ގަދަ 100 ކުންފުނީގެެ ތެރޭގައި އުރީދޫ ގްރޫޕް

ފޯބްސް އިން ހޮވާ މެދުއިރުމަތީގެ އެންމެ ގަދަ 100 ކުންފުނީގެ 25 ވަނާގައި އުރީދޫ ގްރޫޕު ހިމެނިއްޖެ އެވެ.

އުރީދޫ ގްރޫޕަކީ މެދުއިރުމަތީގެ އިތުރުން ސައުތު އީސްޓް އޭޝިއާ އަދި ނޯތް އެފްރިކާގައި މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ގަތަރުގެ ކުންފުންޏެކެވެ.

އުރީދޫ ގްރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސާ، ޝައިހް ސައުދު ބިން ނާސިރު އައްޘާނީ ވިދާޅުވީ އުރީދޫ ގްރޫޕުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށާއި ފޯބްސްގެ ލިސްޓުގެ 25 ވަނާގައި ހިމެނުމަކީ ކުންފުނީގެ ކުރިއެރުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ވާހަކަ ގެނެސްދޭ ސެގްމެންޓުގައި ފޯބްސް އިން އުރީދޫ ގްރޫޕު ފީޗާކޮށްފައި ވަނީ މިދިޔަ މާޗު މަހު އެވެ. މެދުއިރުމަތީ ސަރަހައްދުގެ އެންމެ ބޮޑު ތިން ޓެލެކޮމް އޮޕަރޭޓަރުންގެ ގޮތުގައި އުރީދޫ ގްރޫޕު ސިފަކޮށް ބޯބްސް އިން ބުނެފައި ވަނީ އެކުންފުނީގެ ވިޔަފާރި 8.2 ބިލިއަން ޑޮލަރަށް އަރާ ކަމަށާއި އަހަރުގެ ތެރޭގައި ކުންފުންޏަށް 611 މިލިއަން ޑޮލަރުގެ ފައިދާ އެއް ލިބިފައިވާ ކަމަށެވެ.

ނާސިރު އައްޘާނީ ފާހަގަ ކުރެއްވި ގޮތުގައި ގަތަރުގެ ނެޝަނަލް ޓެލެކޮމް ހިދުމަތްދޭ ކުންފުނީގެ ގޮތުގައި 1949 ވަނަ އަހަރު ފަށައިގަތްއިރު އޮތް ހާލަތުން ފެށިގެން މިހާހިސާބަށް ބަލާ އިރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީ އަކީ ފޯބްސްގެ ލިސްޓުގައި ހިމެނުނު ސަބަބެވެ.

ކޮވިޑް19 އާއި ގުޅިގެން އަންނަމުންދާ އިގްތިސޯދީ ހީނަރުކަމާއެކު ވެސް އުރީދޫ ގްރޫޕުގެ ވިޔަފާރި ހަރަކާތްތައް ރަނގަޅުކަން ފާހަގަ ކުރައްވައި އައްޘާނީ ވިދާޅުވީ މިހާލަތުގައި ވެސް އެ ކުންފުނީގެ އެސެޓް ވޯތު 24.2 ބިލިއަނަކަށް އަރާކަމަށެވެ. އަދި މާކެޓް ވެލިޔު 5.2 ބިލިއަނަށް އަރާކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އުރީދޫ ގްރޫޕުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން އެކި ގައުމުތަކުގައި ތިބިއިރު ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި މުވައްޒަފުން ކުރާ މަސައްކަތް ވެސް ސީއީއޯ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އުރީދޫގެ މުވައްޒަފުންގެ ގޮތުގައި 16،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. ކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކީ މަޝްހޫރު ފުޓްބޯޅަ ތަރި ލަޔޮނަލް މެސީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.