ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ފްރޯޑް އީ-މެއިލްތަކެއް ދައުރުވަމުން ދާތީ އެކަމަށް ސަމާލުވުމަށް އެ ބޭންކުން މިއަދު އެދިއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކް ކަމަށްވާ ބީއެމްއެލް އިން ކުރި ޓްވީޓުތަކެއްގައި ބުނީ އެއްވެސް އެކައުންޓެއް ވެރިފައި ކުރަން ނުވަތަ އިންޓަނެޓް ބޭންކިން މައުލޫމާތު ހޯދުމަށް ޓަކައި އެކުންފުނިން މެއިލް މެދުވެރިކޮށް ނާންގާނެ ކަމަށެވެ.
“އެހެންވެ، މިފަދަ އީމެއިލްތަކަށް ސަމާލުވުމާ އެކު، އެ ފަދަ އީމެއިލްތައް ބްލޮކްކުރަން އިލްތިމާސްކުރަން” ޓްވީޓުގައިވެ އެވެ.
އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ. އެގޮތުން، ނުދަންނަ ނަންބަރުތަކުން، ގުޅައި ކާޑުގެ މައުލޫމާތު ހޯދައިގެން ބައެއް މީސްމީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރިފައިވެ އެވެ.
މީގެ ކުރިން ވެސް ބޭންކުން ވަނީ މިފަދަ މައްސަލަތަކުގައި ސަމާލުވުމަށް އެދިފަ އެވެ.