ދިރާގުން އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި 157 މިލިއަން ރުފިޔާ ބަހަނީ

ދިރާގު ހެޑްއޮފީސް- ފޮޓޯ/މިހާރު

މި އަހަރުގެ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި 157.3 މިލިއަން ރުފިޔާ ބަހަން ދިރާގުން ނިންމައިފި އެވެ.

އިންޓެރިމް ޑިވިޑެންޑަކީ އަހަރުގެ މެދުތެރެއިން ނުވަތަ ކުއާޓަރެއްގައި ކުންފުންޏަށް ލިބޭ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން އެ ކުންފުންޏެއްގެ ބޯޑުން ކަނޑައަޅާ މިންވަރެވެ. މި އަހަރުގެ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް ޖެހޭނީ 2.07ރ. ކަމަށް ދިރާގުގެ ބޯޑުން ވަނީ މިއަދު ކަނޑައަޅައިފަ އެވެ.

ދިރާގުން ބުނީ ކޮވިޑް19އާ ގުޅިގެން އެ ކުންފުނީގެ މާލީ ފައިދާއަށް އަސަރުކޮށްފައިވާ ކަމަށެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެ ވަނަ ކުއާޓަރުގެ އާމްދަނީ 25 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ސާފު ފައިދާ 49 ޕަސެންޓު ދަށްވެފައިވާއިރު އާމްދަނީން ހިއްސާއަކަށް ޖެހޭ ވަރު ވަނީ 50 ޕަސެންޓު ދަށްވެފަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި އާމްދަނީއަށް އެހާ ބޮޑު އަސަރެއްކުރީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެން ޓޫރިސްޓުން އައުން މަޑުޖެހިފައި އޮތުމުންނެވެ. ނަމަވެސް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހަމަހަމަ ގޮތެއްގައި ދުރު މުސްތަގުބަލުގެ އިންވެސްމެންޓްތައް ރާވައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަކޮށް، މާކެޓްގައި ދިމާވާ މިފަދަ ގޮންޖެހުންތައް ގިނަ ދަނޑިވަޅުތަކުގައި ވެސް ކުންފުނީގެ ހިއްސާދާރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ހޯދައިދެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށް ދިރާގުން ބުންޏެވެ.

މި އަހަރު ދިރާގުގެ އިންޓެރިމް ޑިވިޑެންޑު ލިބޭނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 4:00އާ ހަމައަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.


ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.