ބޮޑެތި ވިޔަފާރިތަކަށް 568 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި މިހާތަނަށް 568 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ބީއެމްއެލުން ވަނީ ދިވެހި ރުފިޔާ އިން 475.5 މިލިއަން ރުފިޔާ އާއި ޑޮލަރުން ހަ މިލިއަން (92.5 މިލިއަން ރުފިޔާ) ލޯންގެ ގޮތުގައި ދޫކޮށްފަ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 542 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 367 ފަރާތަކަށް ލޯނު ދޭން ވަނީ ނިންމާފައެވެ.

ފިނޭންސްއިން ބުނީ ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 31 ފަރާތެއްގެ ލޯނު ދިނުމާމެދު ގޮތެއް ނިންމަމުންދާކަމަށެވެ. އަދި 16 ފަރާތަކަށް ލޯނު ހަމަނުޖެހޭކަން އަންގާފައިވާއިރު، 128 ފަރާތަކުން ހުށަހެޅި ލިޔެކިޔުންތައް ފުރިހަމަނުވާކަމަށް ފިނޭންސްއިން ބުނެއެވެ.

ބީއެމްއެލުން ލޯނު ދޫކުރަނީ ރިސޯޓުތަކާއި އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ލިބޭ ވިޔަފާރިތަކަށެވެ. ރަހުނަކާ ނުލައި، އަހަރަކު ހަ ޕަސެންޓް އިންޓަރެސްޓް ދައްކާ ގޮތަށް ނަގާ މި ފައިނޭންސިން އަނބުރާ ދައްކަން ހަ މަހުގެ ގްރޭސް ޕީރިއަޑެއް ވެސް ދެ އެވެ. މާލީ މި އެހީ އެއްކޮށް ދައްކަން ތިން އަހަރުގެ މުއްދަތެއް ލިބެ އެވެ. ލޯނު ދެއްކުމުގެ ކުރިން ލިބޭ ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ވެސް ދައްކާކަށް ނުޖެހެ އެވެ.

ކުދި ވިޔަފާރިތަކަށް ސަރުކާރުގެ މާލީ އެހީ ދެނީ އެސްޑީއެފްސީ މެދުވެރިކޮށެވެ. އެ ބޭންކުން މިހާތަނަށް 1،303 ވިޔަފާރިއަކަށް 172 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ލޯނަށް އެދި 2،800 އަށް ވުރެ ގިނަ ވިޔަފާރިތަކުން ކުރިމަތިލި އިރު މިހާތަނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި ވަނީ 1،640 ވިޔަފާރިއަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.