ބީއެމްއެލްގެ އެހީއާއެކު ވިލުފުށީގައި އައުޓްޑޯ ޖިމެއް ހުޅުވައިފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ވިލުފުށީގައި ތަރައްގީ ކުރި ޖިމް– ފޮޓޯ: ބީއެމްއެލް

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ  “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު” ގެ ދަށުން ތ. ވިލުފުށީގެ ބަނދަރު ސަރަހައްދުގައި އައުޓްޑޯ ޖިމް އެއް ތަރައްގީކޮށްފިއެވެ.

އައުޓްޑޯޯ ޖިމް ތަރައްގީ ކުރެވިފައިވަނީ ވިލުފުށީގެ ބަނދަރު ސަރަހައްދުގައި ކައުންސިލްގެ ފަރާތުން ގާއިމް ކުރަން ކަނޑައަޅާފައިވާ ޕާކުގެ ބަޔެއްގެ ގޮތުގައެވެ. މި އައުޓްޑޯ ޖިމް އާއެކު މި ސަރަހައްދުގައި ކުޑަކުދިން ކުޅޭ އޭރިޔާ، ސްކޭޓް އޭރިޔާ، ޕްލޭ ހިލް، މަސްފެންގަނޑެއް ތަރައްގީ ކުރެވި މި ސަރަހައްދަށް ވަނީ އިތުރު ފުރިހަމަ ކަމެއް ލިބިފައެވެ. 

“ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރެވުނު މި ޖިމް އަކީ ވިލުފުށީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރެވިފައިވާ ތަނެއް. ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ ވެސް އަޅުގަނޑުމެން ސީއެސްއާރ ސްޓްރެޓެޖީގެ މުހިންމު އެއް ބައި. އަޅުގަނޑުމެންގެ އެންމެ ބޮޑު އުއްމީދަކީ  މި ގާއިމްކުރެވުނު ޖިމް އަކީވެސް ވިލިފުށީ ރައްޔިތުން ފުރިހަމަ ގޮތެއްގައި އެތަނުގެ ބޭނުން ހިފާނެ ތަނަކަށް ވެގެން ދިޔުން.” ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ވިލުފުށީގައި ތަރައްގީ ކުރި ޖިމް– ފޮޓޯ: ބީއެމްއެލް

” މި ޕްރޮޖެކްޓް ގެ މަގުސަދަކީ ގޭތެރޭގެ ހަލަބޮލި މާހައުލުން ބޭރުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ކަސްރަތުކޮށްލެވޭނެ ހިތްފަސޭހަ އޯޕަން އޭރިއާ އެއް ތަރައްގީކުރުން. ވިލުފުއްޓަކީ ސުނާމީއާއި ގުޅިގެން ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުން ތަރައްގީ ކޮށްފައިވާ ރަށެއް ކަމުން އެހެން ރަށްރަށާ ހިލާފަށް މިރަށުގައި ގޯތިތެރޭގައި މާބޮޑު ހުސްޖާގައެއް ނޯނާތީ ކަސްރަތު ކުރުމާއި ކުދި ބޮޑު އެންމެން ހެލިފެލިވެ އުޅޭނެ ޖާގައެއް ނޯވޭ. އެހެން ކަމުން މި އައި ހިޔާލާއެކު މި ޕްެރޮޖެކްޓް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހޮވި މިކަން ހަގީގަތަކަށް ވުމީ މި ރަށަށާއި ޖަމިއްޔާއަށް ލިބުނު ކުރިއެރުމެއް. އަދި މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތުގައި ބައިވެރިވެދެއްވި ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވަން.” ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި ވަސަނަ ޖަމިއްޔާގެ އޮފިޝަލް ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން 3 ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެއެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.