
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ކެޕްޓަނަކަށް އެ ސްކޫލުގެ ގްރޭޑް އެގާރައިގައި ކިޔަވާ މުހައްމަދު އަހުމަދު ނާޝިދު ހޮވައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިފެކްޓް ބޯޑަށާއި ކްލަބް އަދި އެސޯސިއޭޝަންގެ މަގާމުތަކަށް ހޮވުނު ދަރިވަރުން އިއުލާން ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިއުލާން ކުރިގޮތުގައި ކެޕްޓަން ކަމުގެ މަގާމަށް މުހައްމަދު އަހްމަދު ނާޝިދު ހޮވި އިރު ޑެޕިއުޓީ ކެޕްޓަނުގެ މަގާމަށް ގްރޭޑް ދިހައެއްގައި ކިޔަވާ އިޒްހާތު ޝަމީމު ވަނީ ހޮވާފަ އެވެ.
ރަސްމިއްޔާތުގައި ތައުލީމީ މަރުކަޒުގެ ޕްރިފެކްޓް ބޯޑުގެ އިސް މަގާމުތަކަށާއި ހައުސްތަކުގެ މަގާމުތަކަށް ވެސް ވަނީ ދަރިވަރުން ހޮވާފަ އެވެ. އެގޮތުން ސްޕޯޓްސް ކެޕްޓަން އަކަށް އަބްދުﷲ އައުޝާޒު ހޮވިއިރު ޑެޕިއުޓީ ސްޕޯޓްސް ކެޕްޓަންއަކަށް ހޮވާފައިވަނީ އައިމިނަތު ޝީނީޒް އެވެ. އަދި ރެޑްހައުސް ކެޕްޓަން ކަމަށް މުހައްމަދު ޒަޔާން ޒާހިރު، ޔެލޯހައުސް އައިޝަތު ހުމައިދާ އަހުމަދު އަދި ބްލޫ ހައުސްއަށް އަފްހަމް ރަޝީދު ހޮވާފައިވާއިރު ވައިލެޓް ހައުސްއަށް ހޮވާފައިވަނީ ޝިފްގާ މޫސާ އެވެ.
މި މަގާމުތަކުގެ އިތުރުން ސްކޫލުގެ ކްލަބް ޖަމިއްޔާތަކުގެ އިސް މަގާމުތަކަށްވެސް ކުދިން ވަނީ އައްޔަން ކޮށްފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ނޯތް ޕޮލިސް ޑިވިޒަންގެ ކޮމާންޑަރ އިންސްޕެކްޓަރު އޮފް ޕޮލިސް އިޒްމިއާ ޒާހިރު އެވެ.
