ބީއެމްއެލްގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު ދަށްކޮށްފި

ދުނިޔޭގެ އެހެނިހެން ގައުމުތަކާ އެއްފަދައިން ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށްވެސް ހީނަރުކަން ކުރިމަތިވެ، ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް މަދުވެފައި ވުމާ އެކު، މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދުތައް ކުޑަކޮށްފި އެވެ.

އެގޮތުން މިއަދުން ފެށިގެން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ކާޑަކުން ބޭނުންކުރެވޭނީ 750 ޑޮލަރާ ހަމައަށެވެ. ރާއްޖޭގައި ނަމަ ކާޑުތަކުން އޮންލައިންކޮށް ބޭރުގެ މުއާމަލާތްކުރެވޭނީ ކާޑަކުން މަހެއްގެ މައްޗަށް 250 ޑޮލަރާ ހަމައަށެވެ.

މީގެ ކުރިން ބީއެމްއެލްގެ ކާޑުތަކުން ދުވާލަކު 400 ޑޮލަރާ ހަމައަށް ރާއްޖެއިން ބޭރުގައި ފައިސާ ނެގޭއިރު، ޕީއޯއެސް މެޝިންތަކުން އަދި އެ ނޫން ގޮތްގޮތުން 600 ޑޮލަރާހަމައަށް ވިޔަފާރި ބޭރުގައި ކުރެވެ އެވެ. އެހެން ނަމަވެސް، 95 ޕަސެންޓް ކަސްޓަމަރުން އެ ލިމިޓާ ކައިރި ކުރާ ވަރަށް ވެސް ބޭނުން ނުކުރާ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގަިއ ބުނީ ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު މިވަގުތު ލިމިޓް ކުރަން މަޖުބޫރުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރު މަދުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު މަދުކުރުމަށެވެ. އަދި މިހާރު ހުރި ޑޮލަރު ކޮންމެހެން ޒަރޫރީ ކަންކަމަށް ބޭނުން ކުރުމުގެ މުހިންމުކަން މިވަގުތަށް ބޮޑުވެފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

“ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމައެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ފައިސާއަށް އިސްކަންދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަށްވެސް މި ފިޔަވަޅު އަޅަން މަޖުބޫރު ވީ އެވެ،” ބީއެމްއެލްއިން ނެރުނު ބަޔާނުގައިވެ އެވެ.

މި ގޮތަށް ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމަށް ބޭންކުން އެދެއެވެ.

ބީއެމްއެލްއިން ބުނީ މި ބަދަލާ ގުޅިގެން ބޭންކުގެ 95 ޕަސެންޓު ކަސްޓަމަރުންނަށް އެކަމުގެ އަސަރެއް ނުކުރާނެކަމަށެވެ. އަދި ހަމައެހެންމެ މިއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަން މަޖުބޫރުވި ވަގުތީ ފިޔަވަޅެއްކަމުގައި ވިޔަސް، ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން އިއާދަ ކުރާނެ ކަމަށްވެސް ބުންޏެވެ.

“ޑޮލަރ ލިކިއުޑިޓީ އަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމަށްވާއިރު، ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން ފަންޑިންގ ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކެނޑިނޭޅި މަސައްކަތްކުރަމުންދާނެއެވެ. ގައުމީ ބޭންކުގެ ގޮތުގައި މިދަތި ހާލަތުގައިވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަމެވެ،” ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.