ޓޫރިސްޓުންނަށް ޚާއްސަ ސެލްފް ސާވިސް ކިއޯސްކެއް އުރީދޫން އެއާޕޯޓުގައި ބަހައްޓައިފި

އުރީދޫން އެއާޕޯޓުގައި ބެހެއްޓި ކިއޯސްކް: މިއީ 24 ގަޑިއިރު ހިދުމަތް ލިބޭ ކިއޯސްކެއް– ފޮޓޯ:އުރީދޫ

ރާއްޖެ އަންނަ ޓޫރިސްޓުންނަށް އަމިއްލަ އަށް ހިދުމަތް ހޯދޭ ޑިޖިޓަލް ކިއޯސްކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އުރީދޫން މިއަދު ބަހައްޓައިފި އެވެ.

އުރީދޫން އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކިއޯސްކުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މިނިސްޓަރުގެ އިތުރުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އަދި ކޭމްގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ ސިމް ކާޑު ރަޖިސްޓްރީކޮށް އިޝޫ ކުރުމުގެ އިތުރުން ސިމް ކާޑު ރީޗާޖު ކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ކިއޯސްކެކެވެ. މި ކިއޯސްކުން 24 ގަޑިއިރު ހިދުމަތް ލިބޭނެ އެވެ.

އުރީދޫން ބުނިގޮތުގައި އަމިއްލައަށް ޚިދުމަތް ލިބިގަނެވޭ ޑިޖިޓަލް ކިއޯސްކްއަކީ މިދުވަސްކޮޅު ކަސްޓަމަރުން އަދި މުވައްޒަފުންގެ ސަލާމަތަށް ބެލި ކަމުގައި ވިޔަސް މުހިންމު ޚިދުމަތެކެވެ.

އުރީދޫން އެއާޕޯޓުގައި ބެހެއްޓި ކިއޯސްކް: މިއީ 24 ގަޑިއިރު ހިދުމަތް ލިބޭ ކިއޯސްކެއް– ފޮޓޯ:އުރީދޫ

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމް ހުއްޓިފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވުމާ އެކު އެ ދާއިރާ އަލުން އިއާދަ ކުރުމަށް ކުރާ މަސައްކަތުގައި އެންމެން ވެސް ބައިވެރިވާން ޖެހޭ ކަމަށެވެ. އަދި އުރީދޫގެ ޑިޖިޓަލް ކިއޯސްކުގެ ސަބަބުން ޓޫރިސްޓުންނަށް ރައްކާތެރިކަމާ އެކު ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އުރީދޫގެ ތަސައްވުރާއި އެއްގޮތުގެ މަތިން އަޅުގަނޑުމެން އަބަދުވެސް ބަލަނީ މުޖުތަމައުތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުން ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ހޯދާދިނުމަށް. މުޅި ދުނިޔެ މިއަދު ކުރިމަތިލަމުން މި ދާ ގްލޯބަލް ޕެންޑެމިކާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ. އެހެންނަމަވެސް، ފަތުރުވެރިންނަށް ސަލާމަތްތެރި ތަނެއްގެ ގޮތުގައި ގާއިމްކޮށް، ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވީއިރު، ޚިދުމަތްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ގަބޫލުކުރަނީ ފަތުރުވެރިކަމުގެ ދާއިރާ އަލުން އިއާދަ ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ ކޮންމެ ބޭފުޅެއްގެވެސް ޒިންމާއެއްކަމުގަ. އެގޮތުގެ މަތިން މިއަދު މި އިފްތިތާހު ކުރެވުނު ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ފަތުރުވެރިންނަށް ސަލާމަތްތެރިކަމާއެކު ޚިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެ.” ނިޔާޒު ވިދާޅުވި އެވެ.

24 ގަޑިއިރު ކަސްޓަމަރުންނަށް ޚިދުމަތް ލިބޭ މި ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ކަސްޓަމަރުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެއެވެ. މީގެތެރޭގައި:

ޓުއަރިސްޓް ސިމް ކާޑު ބައްލަވައިގަތުން

ބިލަށް ފައިސާ ދެއްކުން

ރީޗާރޖް ޚިދުމަތްތައް

އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ޚިދުމަތްތައް

އުރީދޫން ވަނީ ދާދި ފަހުން “ވިޒިޓް މޯލްޑިވްސް ނައު” ގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް، ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް ވެސް ލޯންޗްކޮށްފަ އެވެ. މި ކެންޕެއިންގައި ދުނިޔޭގެ 10 ގައުމަކުން 117 މިލިއަން މީހުންނަށް ވާސިލްވުމަށް އަމާޒު ހިފައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާ ބާރު ސްޕީޑެއްގައި ކުރިއެރުވުމަށް އުރީދޫން އެހީތެރިކަމާއި އެއްބާރުލުންދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.