ބީއެމްއެލް އިން ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް، ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ސްޓްރެޓެޖީގެ ދަށުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިއަދު ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މި ހިދުމަތާއެކު ކަސްޓަމަރުންނަށް ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެެއިޑް ކާޑުގެ ޕިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އަމިއްލައަށް ވަގުތުން ބަދަލުކޮށްލެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ތައާރަފް ކުރެވިގެން މިދިޔަ ޑިޖިޓަލް ޕިންގެ ހިދުމަތާއެކު ކާޑުގެ ޕިން ހޯދުމަށް ބޭންކަށް ޒިޔާރަތްކުރަން ނުޖެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބޭންކުގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ރައްކާތެރިކަމާއެކު ކާޑުގެ ޕިން ކަނޑައަޅައި އަދި ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ހިދުމަތާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށްވެސް ޕޯސްޓް މެދުވެރިކޮށް ޕިން ހޯދުމަށް މަޑު ކުރަންނުޖެހި ވަގުތުން ކާޑުގެ ޕިން ބަދަލުކުރެވޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފް ކުރެވިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“މިއީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަގުޗާޓާ އެއްގޮތްވާގޮތުގެ މަތީން ތައާރަފްކުރެވުނު ހިދުމަތެއް. ބޭންކުން މިހާރު މިވަނީ ވަރަށް ގިނަ ހިދުމަތްތަކެއް އޮންލައިން ކުރެވިފައި. މީގެ ތެރޭގައި އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓްރީވުމާއި ބޭންކުން އަލަށް ތައާރަފްކުރި އޮންލައިން ކިއުގެ ހިދުމަތްވެސް ފާހަގަކޮށްލަން. ޑިޖިޓަލް ޕިންގެ ހިދުމަތާއެކު މިހާރު ދޫކުރާ ގޮތައް ކަރުދާހުގައި ދޫކުރެވޭ ޕިން ލިބުމަށް ނަގާ ވަގުތު ސަލާމަތްވެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ފަސޭހަވެހެން ދާނެ.” ޓިމް ސޯޔަރ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 61 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 124 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.