ބީއެމްއެލްގެ ޕާސަނަލް އާއި ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފި

ބޭންކުގެ ކަސްޓަމަރުންނަށް މާލީ ގޮތުން ލުޔެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ޕާސަނަލް އަދި ހައުސިން ލޯނާއި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓް އަިދ ޕްރޮފިޓް ރޭޓް އަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

މިއަދު ގެނެވުނު ބަދަލާއެކު ކަސްޓަމަރުންގެ މެދުގައި މަގްބޫލްކަމެއް ލިބިފައިވާ ލުއި އެކްސްޕްރެސް ލޯން ގެ ރޭޓް މިވަނީ %15 އަށް ކުޑަކޮށްފަ އެވެ. ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެ އެވެ.

މީގެ އިތުރުން، ގަވައިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރަމުންދާ ލުއި މައިކްރޯ ލޯންގެ ރޭޓްވެސް މިވަނީ %12 އަށް ކުޑަކޮށްފަ އެވެ.

އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނުވެސް ރަހުނަކާ ނުލައި މިހާރު %15 އިންޓްރެސްޓް ރޭޓްގައި ލިބޭނެ އެވެ. މިގޮތުން 300،000 ރުފިޔާ އަށް ހަމަޔަށް ލޯނު ދޫކުރެވޭނެ އެވެ. 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ރަހުނަކާއެކު %12 އިންޓްރެސްޓްގައި ލޯނު ދޫކުރަމުންދާނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނު ޕޯރޓްފޯލިއޯ އަށް ބަލާއިރު މިވަނީ %10 އާ ހަމަޔަށް ދަށްކުރެވިފަ އެވެ. މި ބަދަލާއެކު މިއީ ރާއްޖޭގެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓެވެ. މި ރޭޓްގައި ބޭންކުން ލޯނު ދޫކުރާނީ ހޯމް ޕާޗޭސް ލޯން (ގެދޮރު ގަތުމަށް ދޫކުރާ ލޯނު) އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން %50 އަމިއްލަ އަށް ހަރަދުކޮށްފައިވާ ޕްރެޖެކްޓްތަކަށް ދޫކުރާ ލޯނުތަކަށެވެ.

ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ދޫކުރާ ރިއަލް އެސްޓޭޓް ލޯނުގެ ރޭޓްވެސް މިވަނީ %10.5 އާ ހަމަޔަށް ކުޑަކޮށްފަ އެވެ.

“މިއަދު އާންމުކުރެވުނު ބަދަލުތަކަށް ބަލާއިރު އަގުތައް %15 ކުޑަކުރެވި، ބޭންކުގެ ލޯނު ޕޯރޓްފޯލިއޯ އަށް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެވިފަ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ކަސްޓަމަރުން ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅުނު ރޭޓްތަކުގެ ސަބަބުން ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއިފަސޭހަވެގެންދާނެ. އަދި ބީއެމްއެލް އިސްލާމިކްގެ ޕޯރޓްފޯލިއޯގެ ރޭޓްތައްވެސް މިވަނީ އެއް ނިސްބަތަކުން ދަށްކުރެވިފައި،” ބީއެމްއެލްގެ ޑިރެކްޓަރު އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވި އެވެ.
އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނާއި ފައިނޭންސްތަކަށް އިތުރަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް ކުރިއަށް ހުރި ހަފްތާތަކުގައި ބޭންކުން ހާމަކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.