
ބޮލީވުޑްގެ ފިލްމީ ބަތަލާ ކެޓްރީނާ ކައިފް ފޮޓޯޝޫޓަކަށް ރާއްޖެ އައިސް މިހާރު ހުރީ ސޮނެވާފުށީ ރިސޯޓްގަ އެވެ.

އޭނާ ރާއްޖެ އައިސްފައި ވަނީ މޭކަޕް އާޓިސްޓް ޑޭނިއަލް ސީ ބައޮރްގެ އާއި ހޭއާ ސްޓައިލިސްޓް ޖަވްރްޖީ އެކުގައެެވެ.
ކެޓްރީނާ އާއި އޭނާގެ ޓީމް ސޮނެވާފުށި ރިސޯޓްގައި ޝޫޓްކުރަމުންދާ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ދަނީ ހިއްސާ ކުރަމުންނެވެ.

ކެޓްރީނާ އިންސްޓަގްރާމް ކުރި އެ ފޮޓޯތަކުން ފެނިގެން ދަނީ ސޮނެވާގެ ރީތި ގޮނޑުދޮށެވެ. އެ ގޮނޑުދޮށުގައި އޭނާ ރަތް ކުލައިގެ ހެދުމެއް ލައިގެން، ފޮޓޯޝޫޓަށް ތައްޔާރުވެގެން އިށީންދެ އިންއިރު، ކެމެރާތަކުން އޭނާގެ ފޮޓޯ ނަގާ މަންޒަރުވެސް ފެނެއެވެ.
ކެޓްރީނާ ބުނެފައި ވަނީ ޝޫޓަކަށް ރާއްޖެ އައުމަކީ ބޮޑު އުފަލެއް ކަމަށެވެ. ކެޓްރީނާ އަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންގެ ތެރެއިން ރާއްޖެ އަށް މިހާތަނަށް އެންމެ ގިނައިން ޒިޔާރަތްކުރި އެއް ބަތަލާ ވެސް މެ އެވެ.