ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޓީޓީއެމް މޯލްޑިވްސް ވާޗުއަލްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޓްރެވެލް ޓްރޭޑް ފެއާ އެވެ. މި ފެއާ ކުރިއަށްދާނީ މިމަހުގެ 24 އިން 26 ގެ ނިޔަލަށެވެ.

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު އުރީދޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒްއެވެ. އަދި އޯރކާ މީޑިއާ ގުރޫޕްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

އުރީދޫން ބުނިގޮތުގައި މި އެއްބަސްވުމާއިއެކު އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ފަތުރުވެރިކަމަށް އެހީތެރިވެދޭނެއެވެ. އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ޑެސްޓިނޭޝަން މާކެޓިންގ ކެންޕެއިނެއްވެސް ލޯންޗްކޮށްފައެވެ. މި ކެންޕެއިންގެ ތެރެއިން އުރީދޫގެ އަމާޒަކީ ދުނިޔޭގެ 10 ގައުމަކުން 117 މިލިއަން މީހުންނާއި ހަމައަށް ވާސިލްވެ ރާއްޖެ ޕްރޮމޯޓްކުރުމެވެ.

ޓީޓީއެމް ފެއަރއަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއާ އެވެ. މި ފެއާގައި 150 ރިސޯޓް އަދި ހޮޓެލްއާ 200 އޮޕަރޭޓަރުން ބައިވެރިވާނެއެވެ. މިއީ ޓީޓީއެމް  މޯލްޑިވްސް ބާއްވާ 4 ވަނަ ފަހަރެވެ.

ޓީޓީއެމްގައި ބައިވެރިވާ ފަރާތްތަކަށް ޓީޓީއެމް ޓްރެވެލް ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބި، ޓީޓީއެމްގެ މެގަޒިންގައި ހިމެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އިނގިރޭސި ބަހުން ނެރޭ ޓީޓީއެމް މެގަޒިންއަކީ ބައިނަލްއަޤްވާމީ އެކި ފެއަރތަކުގައިވެސް ރާއްޖެ ޕްރޮމޯޓްކުރުމަށް ބަހާނެ މެގަޒިންއެކެވެ.

ޓީޓީއެމްގައި ބައިވެރިވާ އެގްޒެބިޓަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެތެރޭގައި “ކަނެކްޓް” ސޮޕްޓްވެއަރ ބޭނުންކުރުމުގެ ފުރުސަތު ހިމެނެއެވެ. މި ސޮފްޓްވެއަރ މެދުވެރިކޮށް ކުރިއާލާ ބައްދަލުވުންތައް ހަމަޖައްސައި ބޭއްވުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެއިތުރުންވެސް އެގްޒަބިޓަރުންނަށް އިވެންޓްގެ ތެރެއިން ކޮފީ، ސައި އަދި އެކި ބާވަތުގެ ބުއިންތައް ލިބިގެންދާނެއެވެ. އަދި ޓީޓީއެމް ހަރަކާތްތައް ނިންމާލާ ގާލާ އިވެންޓަށްވެސް ދައުވަތު ލިބިގެންދާނެއެވެ.

މިއަހަރުގެ ޓީޓީއެމް ޓްރެވެލް ސަމިޓް އޮންނާނީ މިމަހުގެ 24 ގައެވެ. އަދި ޓީޓީއެމް މޯލްޑިވްސް އޮންނާނީ މިމަހުގެ 25 އިން 26 އަށެވެ. ޓްރެވެލް ޓްރޭޑް މޯލްޑިވްސްއަކީ އޯރކާ މީޑިއާ ގްރޫޕުން ކުރިއަށްގެންދާ ހަރަކާތެކެވެ. އޯރކާ މީޑިއާ ގުރޫޕަކީ ރާއްޖޭގެ މީޑިއާ އަދި މާކެޓިންގ ގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.