ދަނޑުވެރިކަމަށް ދޭ ރަށްތަކުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި

ބ. މާއްޑޫ، ދަނޑުވެރިކަމަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި އެރަށް ހިމެނޭ

ދަނޑުވެރި ކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހުޅުވާލި ހަ ރަށަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.  

ސަރުކާރުގެ ސްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި ހަ ފަޅު ރަށެއް ބީލަމުގެ އުސޫލުން 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ އެވެ. މިގޮތުން ދޫކުރަން ހަމަޖެހިފައިވަނީ ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ނ. ނެޔޮ، ބ. މާއްޑޫ، ނ. ތޮޅެންދޫ އަދި ގއ. އޮއިނިގިއްލާ އެވެ.

ދަނޑުވެރިކަމަށް ދޫކުރާ ރަށްތަކަށް ބިޑް ހުށަހަޅަންޖެހޭ ތާރީހުގެ ގޮތުގައި ކުރިން ބީލަން ކަރުދާހުގައި ބަޔާންކޮށްފައިވާނީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ބިޑް ހުށަހެޅުމުގެ މުއްދަތު ޑިސެމްބަރު 27ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ބިޑް ހުށައެޅޭނެ މުއްދަތު އިތުރުކޮށްފައިވަނީ، ބިޑާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިންގ 3 ދުވަހުގެ މުއްދަތަށް ފަސްކުރުމުގެ ސަބަބުން، ބިޑް ހުށަހަޅަންޖެހޭ މުއްދަތަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މި ރަށްތަކަކީ ދިވެހިރާއްޖޭގެ ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ދޫކުރާ ރަށްތަކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން މި ރަށްތަކަށް ދައްކަން ޖެހޭނީ އަހަރަކު އަކަފޫޓަކަށް 10 ލާރި އެވެ. އަދި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް ބިމުގެ 30 ޕަސެންޓް ސަރަހައްދުގައި ހައްދަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ޝަރުތުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.