ބީއެމްއެލްގެ އެހީގައި ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް

ބީއެމްއެލްގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ ދަށުން ށ. ކަނޑިތީމުގައި ކޮމިއުނިޓީ ޕާކެއް ހުޅުވައިފި އެވެ.

މި ޕްރޮޖެކްޓަކީ ކަނޑިތީމަށް އުފަން ޖިނާން މުހައްމަދު ޝަމީމު ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްގެ ދަށުން ހުޅުވި ޕާކެކެވެ. މި ޕާކަކީ ރަށުގައި ދިރިއުޅޭ ހުރިހާ އުމުރުފުރައެއްގެ މީހުން އެއްވެ، ގުޅުން ބަދަހިކުރުމާއި މުނިފޫހިފިލުވުމަށް މާހައުލެއް ބިނާކުރުމަށް ހެދި ކުރި ޕާކެއް ކަމަށް އޭނާ ބުންޏެވެ.

މި ކޮމިއުނިޓީ ޕާކުގައި ބާބަކިއު އަށާއި މަސް ކެނޑުމަށް ހާއްސަ ސަރަހައްދެއް ވަނީ ގާއިމް ކޮށްފަ އެވެ. އަދި ކުޑަކުދިން ކުޅުމަށް ހާއްސަ ޕާކަކާއި އައުޓްޑޯ ޖިމެއްގެ އިތުރުން ޕިކްނިކް ދާ މީހުންނަށް ބީޗް ހަޓާއި، ސަން ބެޑް އަދި އައުޓްޑޯ ޝަވަރަކާއި އުނދޯއްޔާއި، ޖޯލި ފަތީގެ އިތުރުން ފިނި އަށި ވެސް ވަނީ ބަހައްޓައިފަ އެވެ.

ޖިނާން ބުނީ ބީއެމްއެލްގެ އެހީއާއެކު އެ ރަށުގައި ހުޅުވި ޕާކަކީ އެ ރަށުގެ ގިނަ ބަޔަކު ޒަމާންތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

“އަޅުގަނޑުމެން ބޭނުންވީ ހުރިހާ އުމުރު ފުރަޔަކަށް ވެސް ފައިދާކުރާނެ ގޮތަށް މި ޕާކު ތަރައްގީ ކުރުމަށް. މިކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި މުޙައްމަދު ޝިފާން އަދި ރިޔުނިއަން ކްލަބަށް ހާއްސަ ޝުކުރެއް ދަންނަވަން.” ޖިނާން ބުންޏެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.