އުރީދޫން އިންޓަނެޓް ސޭފްޓީ ކެމްޕޭނެއް ފަށައިފި

ރައްކާތެރި އިންޓަނެޓް ޕްރޮމޯޓް ކުރުމަށް އުރީދޫ އިން ކޮމިއުނިކޭޝަންސް ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާ އެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ކެމްޕެއިންގެ ބޭނުމަކީ އަމާން މާހައުލެއްގައި އިންޓަނެޓުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި، މުޖުތަމައު އަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކެމްޕެއިންގެ ދަށުން ސައިބާ ސޭފްޓީގެ މުހިއްމުކަމާއި ހުށިޔާރުވާން ޖެހޭ ކަންކަމާއި، ސައިބާ ސޭފްޓީ ޓޫލްތައް އަދި އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

މި ކެމްޕެއިންއާ ގުޅޭ ގޮތުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ފަރުވާތެރިކަމާއި ޒިންމާދާރުކަމާ އެކު އިންޓަނެޓް ބޭނުން ކުރެވިއްޖެ ނަމަ މެލްވެއާ، ސްޕޭމް، ފިޝިންގް، ސައިބާ ބުލީއިން، ބްލެކްމެއިލް ފަދަ ނުރައްކާތެރި އަމަލުތަކުގެ ޝިކާރައަކަށް ވުމުން ސަލާމަތްވާނެ ކަމަށެވެ.

އެހެންކަމުން އުމުރުން ދުވަސްވީ މީހުންނަށާއި، މައިންބަފައިން އަދި ސްކޫލްކުދިންނަށް ރައްކާތެރިކަމާއިއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތާއި ހޭލުންތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މަލީހް ފާހަގަ ކުރެއްވި އެވެ.

“ރައްކާތެރިކަމާއިއެކު އިންޓަނެޓް ބޭނުންކުރުމަށް އުރީދޫ އިން ކުރިއަށްގެންދާ މި ކެމްޕެއިންގެ މަސައްކަތުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ، އަޅުގަނޑުމެންގެ މުޖުތަމައުތަކަށް އިންޓަނެޓްގެ ރައްކާތެރިކަން ހޯދާދިނުމަކީ އަޅުގަނޑުމެންގެ އުއްމީދެއް” މަލީހު ވިދާޅުވި އެވެ.

ކެމްޕެއިންނާ ގުޅޭ ގޮތުން އުރީދޫ މެނޭޖިންގް ޑިރެކްޓާ އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ އިންޓަނެޓާ އެކު ކޮންމެ މައުލޫމާތެއް އިނގިލިކުރިތަކާއި ހަމައަށް ތިރިވެފައިވާ ނުރަނގަޅު އެތައް ކަމަކަށްވެސް އިންޓަނެޓުން މަގުފަހިކޮށްދޭ ކަމަށެވެ.

އެގޮތުން އޮންލައިން ގްރޫމިން، ސައިބާ ބުލީއިން މީގެ އިތުރުން އަބުރާއި މުދަލަށް ގެއްލުންލިބޭ ފަދަ ކަންކަން ހިންގުމުގައި އިންޓަނެޓް ބޭނުންކުރާ މީހުން އުޅޭކަނަށް އޭނާ ފާހަގަ ކުރެއްވި އެވެ.

“އެހެން ކަމުން މިފަދަ ކަންކަން ހުއްޓުވުމަށާއި، މުޖުތަމައު މިފަދަ ކަންކަމުން ރައްކާތެރިކުރުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތަކާއި ކުރަންވީ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުމުގައި އުރީދޫއިން ކުރިއަށްގެންދާ މި އިންޓަނެޓް ސޭފްޓީ ކެމްޕެއިންގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް ސައިންސް އެންޑް ޓެކްނޮލޮޖީ އިން ގުޅިވަޑައިގަތުމީ އަޅުގަނޑުމެންގެ މި މަސައްކަތަށް ލިބިގެންދާ އިތުރު ހިތްވަރެއް.” ނަޖީބް ޙާން ވިދާޅުވި އެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުން، މައިންބަފައިން އަދި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ވެބިނާތަކާއި ވީޑިއޯތައް މެދުވެރިކޮށް މައުލޫމާތު އިތުރުކޮށްދީ، ތަމްރީންތައް ކުރިއަށްގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.