ތާޑް ޕާޓީ ވެބްސައިޓްތަކަށް ސަމާލުވާން ބޭންކުން އެދެފި

ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށްޓަކައި ބައެއް ކަސްޓަމަރުން ތާޑް ޕާޓީ ވެބްސައިޓް ބޭނުންކުރަމުންދާކަން ފާހަގަ ކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް ބީއެމްއެލް އިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ www.kashavaru.com ހިމެނޭހެން ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް ބޭނުން ކުރުމަށް މަސައްކަތްކޮށް ތާރޑް ޕާޓީ ޓްރާންސްފަ ކޮންފާމް ކުރާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަސްޓަމަރުންގެ ނަން، ފޯނު ނަންބަރު، އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ފޯރުކޮށްދޭން އެދެއެވެ. އެއަށްފަހު ކަސްޓަމަރަށް ކޮންފަމޭޝަން ކޯޑު ލިބުމުން އިންޓަނެޓް ބޭންކިން ޔޫސަ ނޭމް އަދި ޕާސްވޯޑް ޖެހުމަށް އެދެއެވެ. 

“އަޅުގަނޑުމެން ކަސްޓަމަރުންނަށް ކިބައިން އެދެނީ އިންޓަރނެޓް ބޭންކިންގެ މައުލޫމާތު މިފަދަ ސައިޓްތަކާ އަދި އެެހެން އެއްވެސް ފަރާތްތަކާ ހިއްސާ ނުކުރުމެވެ. އަދި  ޕޭމަންޓް ކޮންފަމް ކުރުމަށް މިފަދަ ވެބްސައިޓްތައް ބޭނުން ނުކުރުމަށް ވެސް އެދެމެވެ. ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ޔަގީންކުރެވޭނެއެވެ،” ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަންމަތީ ބެލެހެއްޓުމުގެ ޒިންމާ އަކީ އެ ބޭންކުން މުހިންމު އަހުމިއްޔަތުކަންދޭ އެއްކަމެވެ. އެހެން ފަރާތަކުން ކަސްޓަމަރުންގެ މިފަދަ މައުލޫމާތު ބޭނުންކުރުމާއި، ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން މުހިންމު ސަލާމަތީ ފިޔަވަޅުތަކެއްވެސް އަޅާފައިވާކަމަށް ބޭންކުން ބުންޏެވެ.

ނަމަވެސް، ކަސްޓަމަރުން އަމިއްލައަށް އެހެން ފަރާތަކާ މިފަދަ ޒާތީ ސިއްރު މައުލޫމާތު ހިއްސާ ކުރުމުން މި މައުލޫމާތު ރައްކާތެރިކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލްތަކަށް ނޭދެވޭ އަސަރުކު ކުރާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

“އަޅުގަނޑުމެން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ އެއްވެސް ފަރާތަކާ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމެވެ. ބޭންކުން މިފަދަ ވެބްސައިޓްތައް މޮނީޓަރ ކުރުމަށްފަހު ކަސްޓަމަރުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުންދާނެކަމުގެ ޔަގީންކަން އަރުވަމެވެ،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.