ދިރާގަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ބްރޭންޑް ނަމެއް: ބަޓެލްކޯ

    ދިރާގުގެ މެޖޯރިޓީ ހިއްސާ ގަތް ބަޓެލްކޯ އިސް ވެރިންނާއި ދިރާގުގެ ޗެއާމަން އާތިފް ޝުކޫރު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު
ދިރާގުގެ މެޖޯރިޓީ ހިއްސާ ގަތް ބަޓެލްކޯ އިސް ވެރިންނާއި ދިރާގުގެ ޗެއާމަން އާތިފް ޝުކޫރު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

ދިރާގަކީ ވަރަށް ރަނގަޅަށް ހިނގަމުން އަންނަ ކުންފުންޏެއް ކަމަށާއި އެއީ ވަރަށް މުހިންމު ބްރޭންޑް ނަމެއް ކަމަށް އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ދާދި ފަހުން ގަތް ބަހުރެއިން ޓެލެކޮމިއުނިކޭޝަން (ބަޓެލްކޯ) އިން މިއަދު ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނީގެ މެޖޯރިޓީ ހިއްސާ ގަތުމަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ބަޓެލްކޯ ގްރޫޕްގެ ސީއީއޯ ޝެއިހް މުހައްމަދު ބިން އީސާ އަލް ހަލީފާ ވިދާޅުވީ ދިރާގު ހިންގަމުން ގެންދަނީ ވަރަށް ރަނގަޅު ދިވެހި ޓީމަކުން ކަމަށާއި އެ ކުންފުނި ހިންގުން އިތުރަށް ތަރައްގީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

“ދިރާގަށް އަޅުގަނޑުމެން ތަޖުރިބާއާއި އެހީތެރިކަން ލިބެމުންދާނެ. އަޅުގަނޑުމެން އެންމެން ވެސް މިއީ ކޭބަލް އެންޑް ވަޔަލެސްގެ ފަރާތުން ތަމްރީނުވެފައި ތިބި މީހުން. އަޅުގަނޑުމެންނަކީ މީގެ ކުރިން ވާދަވެރި މާހައުލެއްގައި މަސައްކަތްކޮށްފައި ތިބި ބައެއް. އަޅުގަނޑުމެންނަށް ވެސް ވަރަށް ގިނަ ތަޖުރިބާ ހިއްސާކުރެވިދާނެ ދިރާގު ޓީމަށް،” ޝެއިހް މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް އަހަރު ކުންފުނީގެ ހިންގުން ވަރުގަދަކޮށް އޭގެ ފައިދާ ދިވެހި ރައްޔިތުންނަށް ހޯދައިދޭނެ ކަމަށެވެ.

“ދިރާގަކީ ބަޓެލްކޯ ގްރޫޕަށް އިތުރުވި ވަރަށް މުހިންމު ކުންފުންޏެއް. އަޅުގަނޑުމެން އަބަދުވެސް އިސްކަންދެން މާކެޓްގައި ހިންގާ ބްރޭންޑްތައް ކުރިޔަށް ގެންދަން. ދިރާގަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ބްރޭންޑް ނަމެއް. އަދި މިތަނަކީ ވަރަށް ރަނގަޅު ދިވެހި ޓީމަކުން ހިންގަމުން އައި ތަނެއް. އެ މީހުންނަށް އަޅުގަނޑުމެން ތަޖުރިބާ ވެސް ހިއްސާކުރާނަން،” ޝެއިހް މުހައްމަދު ވިދާޅުވި އެވެ.

ބަޓެލްކޯ އިން ހިއްސާ ގަތުމަށް ފަހު ދިރާގަށް އަންނާނީ ކޮން ބަދަލުތަކެއްތޯ “ހަވީރު”ން ދެންނެވުމުން މުހައްމަދު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ގެންނާނެ ބަދަލުތައް ބަލަމުން އަންނަ ކަމަށެވެ.

“އަޅުގަނޑުމެން ހުރިހާ ގައުމެއްގައި ވެސް ކުންފުނިތައް ހިންގަނީ އެއް އާއިލާއެއް ގޮތަށް. އެ ކުންފުނިތަކަށް ލިބޭ ފައިދާގެ ހިއްސާ ދިރާގަށް ކުރާނެ،” އޭނާ ވިދާޅުވި އެވެ.

ދިރާގުގައި އޮތް ކޭބަލް އެންޑް ވަޔަލެސްގެ މެޖޯރިޓީ ޝެއާ ބަޓެލްކޯ އިން ގަތުމަށް ފަހު، އެ ކުންފުނީގެ އާ ޑިރެކްޓަރުންގެ ބޯޑު މިމަހުގެ ތިން ވަނަ ދުވަހު ވަނީ އެކުލަވާލައިފަ އެވެ.

އެ ނޫސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޗެއާމަން އާތިފް ޝުކޫރު ވިދާޅުވީ ބެޓެލްކޯ އިން މެޖޯރިޓީ ހިއްސާ ގަތުމަށް ފަހު ފުރަތަމަ ފަހަރަށް މިއަދު ޑިރެކްޓަރުންގެ ބޯޑާ ބައްދަލުކުރި ކަމަށެވެ. އަދި ރައީސް މުހައްމަދު ވަހީދާއި ބަޓެލްކޯ ގްރޫޕްގެ ޗެއާމަން ޝެއިހް ހަމްދާން އާއި އެ ކުންފުނީގެ އިސް ވެރިން ބާއްވާ ހާއްސަ ޑިނާއެއް މިރޭ އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ ބަޓެލްކޯ އިން ހިއްސާ ގަތުމަށް ފަހު ދިރާގުގެ ބޯޑަށް އައްޔަންކޮށްފައި ވަނީ އެ ކުންފުނީގެ އެންމެ އިސް ބޭފުޅުން ކަމަށެވެ. އަދި އެއީ ކުންފުނިން ދިރާގާ މެދު ބާއްވާ ހާއްސަކަން ރަމްޒްކޮށްދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޭބަލް އެންޑް ވަޔަލެސްގެ ހިއްސާ ބަޓެލްކޯ އަށް ބަދަލުކުރުމާ ގުޅިގެން އެ ކުންފުނީގެ އާ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނީ ބަޓެލްކޯގެ ތިން ޑިރެކްޓަރުންނާއި ސަރުކާރުގެ ދެ ޑިރެކްޓަރުންނާއި އާއްމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރާއި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ވަހީދެވެ.

ބަޓެލްކޯގެ ޑިރެކްޓަރުންނަކީ ބަޓެލްކޯ ގްރޫޕްގެ ސީއީއޯ ޝެއިހް މުހައްމަދު އާއި މާކޯ ރެނިއާ އާއި ޑރ. ޣައްސާން މުރާދެވެ. ސަރުކާރުގެ ދެ ޑިރެކްޓަރުންނަކީ އިބްރާހިމް އާތިފް ޝަކޫރާއި އިދުހާމް ހުސެއިން އެވެ. އާންމު ހިއްސާދާރުންގެ ތެރެއިން އިންތިޚާބުކޮށްފައި ވަނީ އިބްރާހިމް ޝަރީފެވެ. ދިރާގުގެ ޗައާޕާސަން އަކީ އާތިފެވެ.

ބަޓެލްކޯ އިން ކޭބަލް އެންޑް ވަޔަލެސްގެ ހިއްސާ ގަތުމުން ދިރާގުގައި އެ ކުންފުނީގެ 52 ޕަސެންޓް ހިއްސާ އޮންނާނެ އެވެ.

(މިއީ ހަވީރު އޮންލައިނުން ނަގާފައިވާ ލިޔުމެއް)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.