އޭދަފުށީގައި މޫނު ނިވާކޮށްގެން ފޭރެން އުޅުނު މީހަކު ފުލުހުން ހޯދަނީ

ބ. އޭދަފުށީގައި މިރޭ މޫނު ނިވާކޮށްގެން ފޭރެން އުޅުނު މީހަކު ފުލުހުން ހޯދަމުން އެބަގެންދެ އެވެ.

މިރޭ 7:40 ހާއިރު ކޭތަ ނަމާދު ކުރަމުން ދަނިކޮށް އެ މީހާ މިރަށު ދެ ގެ އަކަށް ވަދެ ބިރު ދެއްކުމުގެ ސަބަބުން ދެ މީހަކަށް ނަފްސާނީ ގޮތުން ގެއްލުންވެ އަތޮޅު ހޮސްޕިޓަލުގައި ވަނީ އެޑްމިޓްކޮށްފަ އެވެ.

ކަން ހިނގި ގޮތް އެނގޭ މީހަކު ނަން ނުޖަހަން ޝަރުތުކޮށް ހަވީރަށް ކިޔައިދިން ގޮތުގައި އެ މީހާ ގެއަކަށް ވަދެ މަރުގެ އިންޒާރުދީ، ފައިސާ ދޭން ބުނި އަޑު އޭނާ އަށް އިވުނެވެ. އެ ގޭގެ މީހަކާ ހަވާލާދީ އޭނާ ބުނިގޮތުގައި ފޭރެން އުޅުނު ފިރިހެންމީހާ ހުރީ ނޫ ކުލައިގެ ޖިންސަކާއި މަތިން ކަޅު ކުލައިގެ އެއްޗެއް ލައިގެންނެވެ. އަދި އޭނާގެ އިސްތަށިގަނޑު ހުރީ އައްސާފަ އެވެ.

“ދޮރުގައި މީހަކު ޓަކި ޖަހާތީ ހުޅުވީ. އޭރު އޭނާއާ [އެ ގޭގެ މީހަކާ] އަހަރެންހުރީ ގުޅައިގެން. އޭނާ ވަދެ ބުނި ކަމަށް ވަނީ ފައިސާ ދޭށޭ. އެހެންނޫނީ މަރާލާނަމޭ. ދެން އެވަގުތު އަންހެންމީހާ ބުނާއަޑު އިވޭ ދާށޭ، ނޫނިއްޔާ ވަޅި ހަރާނަމޭ. އަދި އަހަރެން އައުމަށް ބުނީ. ދެން އެވަގުތު ފޯނުވެސް ކެނޑިއްޖެ. އަހަރެން ދިޔައިރު އަންހެންމީހާ އޮތީ ދޮރުމަތީގައި ހޭނެތިގެން ވެއްޓިފައި،” އޭނާ ބުންޏެވެ. “އަނގަމަތީގައި ހިފާފައިވެސް ހުރި. މޫނު ނިވާކޮށްގެން ހުރުމުން އެއީ ކާކުކަން ފާހަގަ ކުރެވޭ ވަރު ނުވި ކަމަށް އަންހެން މީހާ ބުނީ. އެކަމު އެމީހާ [މޫނު ނިވާކޮށްގެން ހުރި] ގެ ކަނާތު އިނގިލީގައި އިންނާނީ ދަތްއަޅާފައި ކަމަށް ބުނި.”

މި ރަށު ހުޅަނގު ސަރަހައްދު ދަނާލު ހުންނަ ހިސާބުގައި ހުރި އެ ގޭގެ މީހާ އަށް ބިރު ދެއްކުމަށް ފަހު އެމީހާ ވަނީ އެ ސަރަހައްދުގައި ހުރި އެހެން ގެއަކުން ވެސް ފޭރެން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެވަގުތު އެ ގޭގައި އިތުރު މީހުން ތިބުމުން ފާރުމަތިން ފުންމާލައިގެން އޭނާ ފިލީ އެވެ. އެ ގޭ އަންހެނަކަށް ވެސް ނަފްސާނީ ގޮތުން ގެއްލުވުމުން މިހާރު އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

މިރަށުގައި ތިބޭ ފުލުހުން އަންނަނީ މޫނު ނިވާކޮށްގެން އުޅޭ މީހާ ހޯދަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.