ބީއެމްއެލްގެ ޑައިރެކްޓަ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ ސަމާހު އައްޔަންކޮށްފި

އަލްއުސްތާޛާ އާއިޝަތު ސަމާހު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑައިރެކްޓަރ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމަށް އަލްއުސްތާޛާ އާއިޝަތު ސަމާހު ހަމަޖައްސައިފިއެވެ.

ސަމާހު ވަނީ ބޭންކުގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވައި ތަޖުރިބާ ހޯއްދަވާފައެވެ. މީގެ އިތުރުން 2009 ވަނަ އަހަރުން ފެށިގެން ސަމާހު އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވަމުންނެވެ. ބޭންކިންގ އަދި ގާނޫނީ ދާއިރާއިން އޭނާ ހާސިލްކުރައްވާފައިވާ ތައުލީމާއި ހޯއްދަވާފައިވާ ތަޖުރިބާއާ އެކު ސަމާހުވަނީ ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތައް ހިފެހެއްޓެވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ސަމާހު ހުންނެވީ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގައެވެ. އަދި ކޮމްޕެނީ ސެކްރެޓަރީގެ މަގާމުގައި ދެމިހުންނަވާނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ ޓިމް ސޯޔަ ވިދާޅުވީ ޑައިރެކްޓަރ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ ގޮތުގައި ސަމާހު ފަދަ ތަޖުރިބާ ހޯއްދަވާފައިވާ ދިވެހި ބޭފުޅަކު އާ މަގާމަކާއެކު ބޭންކުގެ ލީޑަރޝިޕް ޓީމަށް އައްޔަންކުރެވިގެން ދިޔުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި ސަމާހު ބޭންކުގެ އެގްޒެކްޓިވް ޓީމާ ގުޅިވަޑައިގެންނެވުމުން މަރުހަބާ ދަންނަވަވައި  ސަމާހު އަށް އިތުރު ކާމިޔާބީއަށް ޓިމް ސޯޔަ ވަނީ އެދިވަޑައިގެންފަ އެވެ.

ބޭންކުގެ އޮނިގަނޑަށް ގެނެވުނު އިތުރު ބަދަލުތައްވެސް މިއަދު ވަނީ ހާމަކޮށްފައެވެ. އެގޮތުން ބޭންކުގެ ޑިޖިޓަލައިޒޭޝަން ސްޓެރެޓެޖީއާ އެއް ގޮތަށް މަސައްކަތް ބައްޓަންކުރުމުގެ ގޮތުން ކާޑްސް އެންޑް ޑިޖިޓަލް ބޭންކިންގ ވަނީ އަލަށް އެކުލަވާލެވުނު ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ ޑިވިޝަންގެ ދަށަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން މަރިޔަމް ޙަމީދު ވަނީ ބޭންކުގެ ޗީފް ކޮމްޕްލަޔަންސް އޮފިސަރގެ މަގާމަށް އައްޔަންކޮށްފައެވެ. މިއާއެކު ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން މަރިޔަމް ހުންނެވީ ހެޑް އޮފް ސެންޓްރަލައިޒްޑް ސަރވިސަސްގެ މަގާމުގައެވެ. 

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުނިވެސްމެއެވެ. ބޭންކުގެ %99 މުވައްޒަފުންނަކީ ފަހްރުވެރިމަކާއެކު ވަޒީފާ އަދާކުރަމުންދާ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.