ރޭ ދަންވަރުގެ ވަގުތެއްގައި ބ. ހިތާދޫގައި މީހެއްގެ ބޮލުގައި ގަލަކުން ޖަހައި ޒަހަމް ކޮށްލައިފިއެވެ.
ރޭ ދަންވަރު ތިނެން ޖަހާކަށްހާއިރު ހިނގި މި ހާދިސާގައި ޒަހަމްވީ ބ. ހިތާދޫ ފޫޅުމާގެ އިބްރާހިމް އަބްދުއްރަހުމާނެވެ.
އިބްރާހިމް އަބްދުއްރަޙްމާނުގެ ބޮލުގައި ގަލަކުންޖަހައި ރޭ ޒަމްކޮށްލީ އޭނާ ދިރިއުޅޭ ގޭގެ ފުރާޅު މައްޗަށް ބަޔަކު ގާ އުކާތީ އެއީ ކޮންބައެއްތޯ ބެލުމަށް ގެއިން ބޭރަށް ނުކުތްވަގުތު އެވެ.
ހިތާދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ އިބްރާހިމް ޢަބްދުއްރަހުމާނު ގެ ބޯ ޒަހަމްވެގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި ނިއްކުރިމަތިން ދެއިންޗި ހުންނަވަރުގެ ތަންގަނޑެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިވާ ކަމަށްވެސް ސިއްހީ މަރުކަޒުގެ އޮފިޝަލު ވިދާޅުވި އެވެ..
ބ. ހިތާދޫ ކައުންސިލުގެ ރައީސް ޔޫސުފް ގާސިމް ވިދާޅުވީ އެ ރަށުގައި ފަހަކަށް އައިސް ވަރަށް ގިނައިން ބައެއްގޭގެ ފުރާޅު މައްޗަށް ގާ އުކާކަމުގެ ޝަކުވާތައް ލިބެމުން ދާކަމަށާއި މިފަދަ ކަންކަން ހިނގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫކަމަށެވެ.
(ޚަބަރު: އާމިރު އަބްދުއްލަތީފް)