ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް ބޯޑް އިފްތިތާހުކުރުން މާދަމާ ރޭ އޮންނާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ސްކޫލް ބޯޑަށް ބެލެނިވެރިންގެ ތެރެއިން އިންތިހާބު ކުރެވޭ 5 މެމްބަރުންނާއި މުދައްރިސުންގެ ފަރާތުން އިންތިހާބު ކުރެވޭ 2 މެމްބަރުން ވެސް އިންތިހާބު ކުރެވިފައިވާ ކަމަށާއި، އިފްތިތާހު ކުރުމުގެ ކަންތައްތައް ކުރިއަށްދާ ކަމަށެވެ.
ބެލެނިވެރިންނާއި މުދައްރިސުންގެ ތެރެއިން އިންތިހާބު ކުރެވުނު މެމްބަރުންގެ އިތުރުން މި ބޯޑުގައި ހިމެނެނީ ސްކޫލު ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސްފަރާތާއި، ޕީޓީއޭގެ ނައިބް ރައީސާއި، ސްކޫލުގެ ބަޖެޓް ސެކްޝަންގެ އިސް ބޭފުޅަކާއި އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާ ދެ މެންބަރުންނެވެ. މީގެ އިތުރުން ސްކޫލު ކެޕްޓަން ވެސް މި ބޯޑުގައި ހިމެނެ އެވެ.
ސްކޫލް ބޯޑަކީ ސްކޫލުތައް ހިންގުމުގައި އިސް ދައުރެއް އަދާކުރާ ޖަމާއަތެކެވެ. ސްކޫލުގެ ތައުލީމުގައި ހިއްސާވާ ފަރާތްތަކުގެ މައްޗަށް އެކުލެވިގެންވާ މި ބޯޑު ހިމެނިގެން ދާނީ ގާނޫނީ ހައިސިއްޔަތެއް ލިބިގެންވާ މުސްތަގިއްލު އަދި ޒިންމާދާރު މުވައްސަސާއަކަށެވެ. މި ބޯޑު ގާއިމުކުރުމުގެ މައިގަޑު ބޭނުމަކީ ކަމާ ގުޅޭ ފަރާތްތައް ގުޅިގެން ޒިންމާދާރު ގޮތުގައި ސްކޫލު ހިންގުމާއި ތައުލީމާއި ތަރުބިއްޔަތުގެ ފެންވަރު މަތި ކުރުން ކަމަށް އެޑިކޭޝަނުން ބުނެ އެވެ.