ޖަރުމަނުގެ ރޮބޮޓެއް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ދީފި

އީކޯ އޯގަނައިޒޭޝަން އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މިއުނިކްގެ ޓެކްނިކަލް ޔުނިވާސިޓީއިން އުފަންވެފައިވާ ސްޓާޓަޕެއް ކަމުގައިވާ ރޮބޯއީއާއެކު ޕާޓްނަޝިޕެއް ގާއިމުކޮށް، ރޮބޯޓިކް ޓެލެޕްރެސެންސް އިވެންޓެއް ބާއްވައިފި އެވެ.

އެ އިވެންޓްގައި އުރީދޫ 5ޖީ އެއާފައިބާ މެދުވެރިކޮށް ދަރިވަރުންތަކަކަށް ޖަރުމަަނުގައިވާ ރޮބޮޓެއް ކޮންޓްރޯލް ކުރުމުގެ ތަޖުރިބާ ކުރެވޭ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

ވީއާރް ކެފޭގައި މިއަދު ބޭއްވި އެ އިވެންޓުގައި ގިޔާސުއްދީން އިންޓަނޭޝަނަލް އަދި ބިލަބޮންގް ހައިސްކޫލްގެ ރޮބޯޓިކްސް ދަރިވަރުންތަކެއް ވަނީ އުރީދޫ 5ޖީ އެއާފައިބާގެ އެހީގައި ރޮބޯއީ މެދުވެރިކޮށް ޓެލެޕޯޓްވުމުގެ ތަޖުރިބާކޮށްފަ އެވެ.

ރޮބޯއީ: އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ރޮބޯއީ ވަނީ އިންސާނެއްގެ ގުނަވަންތައް ހަރަކާތްކުރާގޮތް ދަސްކޮށްފައި–

ރޮބޯއީއަކީ އިންސާނީ ސިފަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރޮބޮޓެކެވެ. ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ރޮބޯއީ ވަނީ އިންސާނެއްގެ ގުނަވަންތައް ހަރަކާތްކުރާ ގޮތްވެސް ދަސްކޮށްފަ އެވެ.

ރޮބޯއީ 3.0ގެ ޓެލެޕޯޓްވުމުގެ ހިދުމަތް މެދުވެރިކޮށް، ވަގުތުން އެހެން ތަނަކު ހުރުމުގެ ތަޖުރިބާ އާއި ފައިދާތަކުގެ އިތުރުން އެއް މުޖުތަމައު އާއި އަނެއް މުޖުތަމައުއާއި އޮންނަ ގުޅުން ވަރުގަދަކޮށްދެ އެވެ. އަދި ކުރިއަށް އޮތްތަނުގައި މި ހިދުމަތަށް އަންނަ ކުރިއެރުމާއެކު ދެމެހެއްޓެނިވި ގުޅިފައިވާ މުޖުތަމައުތަކެއް ބިނާކުރުމުގެ އުންމީދުވެސް އާލާވެގެންދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.

އެ އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ދަރިވަރުންނަށް ވަނީ 5ޖީގެ ވަރުގަދަ ނެޓްވޯކާއެކު ރޮބޯޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންޓަނެޓް އޮފް ތިންގްސްގެ ހައިބަތާއި އެ ހިދުމަތްތަކުގެ ސަބަބުން ހުޅުވިގެންދާނެ ފުރުސަތުތަކައް ވެސް ދައްކާލާފަ އެވެ.

“ރޮބޯޓިކްސް އިންޑަސްޓްރީގެ ސަބަބުން ސިއްހީ އިދާރާ، ލޮޖިސްޓިކްސް، އެޑިއުކޭޝަން، އެގްރިކަލްޗަރ އަދި މިނޫންވެސް އެތައް ދައިރާތަކަކަށް އިންގިލާބީ ބަދަލުތަކެއް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ.” އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ނަޖީބް ހާން ވިދާޅުވި އެވެ.

ވީއާރު ކެފޭގައި ބޭއްވި ހަރަކާތުގައި ގިޔާސުއްދީންގެ ދަރިވަރަކަށް ރޮބޮޓް ކޮންޓްރޯލް ކުރާނެ ގޮތް ކިޔައިދެނީ– ފޮޓޯ: އުރީދޫ

އީކޯ އޯގަނައިޒޭޝަންގެ ފައުންޑާ އަދި ޕްރެޒިޑަންޓް، ހިލާލް އަގީލް ވިދާޅުވީ އީޖާދީ އައު ކަންކަން ކައިރި މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމަށެވެ.

އީކޯ އޯގަނައިޒޭޝަން އަކީ އީޖާދީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ކުރިމަގެއް ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ރާއްޖޭގެ ނޮން ޕްރޮފިޓް އޯގަނައިޒޭޝަންއެކެވެ.

ރޮބޯއީގެ ޖެނެރަލް މެނޭޖަރު އަދި ލީގަލް ގާޑިއަން ރަފައެލް ހޮސްޓެޓްލާ ވިދާޅުވީ ރޮބޯއީ ޖޫނިއާއެއް ރާއްޖެއަށް ގެނެސް، އެ ހިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

“މި ހިދުމަތާއެކު މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔޭގެ ނާޒުކު ތިމާވެށިތަކަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ.” ރަފައެލް ވިދާޅުވި އެވެ.

ޓެލެޕްރެސެންސް ރޮބޯޓިކްސް ހިދުމަތް މެދުވެރިކޮށް މިހާރުވެސް އިޖާދީ އުފެއްދުންތަކާއެކު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ދަތުރު ވަނީ ފަށާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.