ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން އެހީ ދޭނެ ފަސް ޕްރޮޖެކްޓު ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެމް) ގެ އަހަރެންގެ ބޭންކް ކޮމިޔުނިޓީ ފަންޑުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފަސް ޕްރޮޖެކްޓު ހޮވައިފި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ހުޅުވާލާފައިވާ ފުރުސަތެކެވެ. މި ފަންޑުން ކޮންމެ ކުއާޓަރެއްގައި ވެސް ފަސް ޕްރޮޖެކްޓެއް ހޮވައި އެހީތެރިކަން ފޯރުކޮށްދެ އެވެ.

އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ހޮވި މި ޕްރޮޖެކްޓްތަކުގެ ތެރޭގައި  ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށްދިނުމާއި ހދ. ނޮޅިވަރަންފަރުގައި ފޮތްކިޔުމަށް ހާއްސަ ޕާކެއް ތަރައްގީކުރުމާއި އއ. މަތީވެރީގެ އިންޑޯ ސްޕޯޓްސް ފެސިލިޓީ ތަރައްގީކުރުން ހިމެނެ އެވެ. މީގެ އިތުރުން. ލ. ފޮނަދޫގައި ފޮތްކިޔުމަށް ހާއްސަ ޕާކެއް ތަރައްގީކުރުމާއި ގއ. ގެމަނފުށީގައި ބީޓެކް ހޮސްޕިޓޭލިޓީ ކްލާސްރޫމެއް ތަރައްގީކުރުމަށް ބޭންކުން އެހީވާނެ އެވެ.

މި ފަސް ޕްރޮޖެކްޓް ހޮވާފައިވަނީ ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިންނެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު ވިދާޅުވީ، މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“މި ފިޔަވަހީގައި ހޮވި ފަސް ޕްރޮޖެކްޓާއެކު މި ފަންޑުގެ ދަށުން މިހާތަނަށް މިވަނީ 45 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައި. ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަނގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” ސައީދު ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރަކުވެސް ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.