ބީއެމްއެލް އިން ގއ. އަތޮޅު މަދުރަސާއަށް އާރުއޯ ދެ މެޝިން

ކޮމިއުނިޓީ ފަންޑުގެ އެހީގައި ގއ. އަތޮލޫ މަދުރަސާގައި ބެހެއްޓި ޑިސްޕެންސަރަކުން ކުއްޖަކު ފެން އަޅަނީ– ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ސާފު ބޯފެނުގެ ހިދުމަތް ދިނުމަށް ދެ އާރުއޯ މެޝިން ބަހައްޓައިފި އެވެ.

ބީއެމްއެލުން ބުނިގޮތުގައި މި ޕްރޮޖެކްޓް ގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ރައްކާތެރި ފެން ފޯރުކޮށްދިނުމާއި އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމެވެ. އެގޮތުން، ގއ. ކޮލަމާފުށީގައި ހުންނަ މި ސްކޫލުގައި އެ ބޭންކުން ވަނީ އާރުއޯ މެޝިނުގެ އިތުރުން ތިން ވޯޓާ ޑިސްޕެންސަރުވެސް ބަހައްޓައިފަ އެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅީ އެ ރަށުގެ “ކޮލަމާ” ޖަމިއްޔާއިން ނެވެ.

މި ޕްރޮޖެކްޓް ގެ ދަށުން ކޮލަމާ ޖަމިއްޔާގެ ފަރާތުން ވަނީ ކޮންމެ ދަރިވަރަކަށާއި މުވައްޒަފަކަށް ރިޔޫސަބަލް ފުޅިއެއް ހަދިޔާކޮށްފައެވެ. މި ޕްރޮޖެކްޓަކީ ދެމެހެއްޓެނެވި ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް މަގުފަހި ކުރުމަށްޓަކައި މި ޖަމިއްޔާގެ ފަރާތުން ވަނީ ބެހެއްޓިފައިވާ ޕްލާންޓާއި ފިލްޓަ އަދި ޑިސްޕެންސަރުތަކަށް ބޭނުންވާނެ މެއިންޓެނަންސްގެ މަސައްކަތާވެސް ހަވާލުވެފައެވެ.

އެ ޖަމިއްޔާގެ މެމްބަރެއް ކަމަށްވާ ޝާމާ ތައްހާން ބުނީ މި ޕްރޮޖެކްޓްގެ ސަބަބުން އެ ރަށު ސްކޫލުގައި ކިޔަވަމުންދާ 114 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ލިބޭނެ ކަމަށެވެ.

“ސްކޫލުގައި މިހާރު ބޭނުންކުރާ ފެނަކީ ޑިސަލިނޭޝަން ފެން ކަމުން ފެނުގެ ރައްކާތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޔަގީން ކަމެއް ނޯވޭ. އެހެން ކަމުން މި ބޭނުން ކުރަނީ އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި. މިކަމުގެ ސަބަބުން ދިރާސީ އަހަރެއްގެ ތެރޭގައި ގާތްގަޑަކަށް 16،500 ޕްލާސްޓިކް ފުޅި އުކާލެވޭ. އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ މިކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިއުން،” ޝާމާ ބުންޏެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.