ތިން ބޭފުޅަކަށް މިނިސްޓަރުކަން ދެއްވާ، ފަތްކޮޅު އަރުވައިފި އެވެ.
މިގޮތުން އެޓަރނީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޢާއިޝަތު ޢާޒިމާ ޝަކޫރު ޖެންޑާ ފެމެލީ އެންޑް ހިއުމަން ރައިޓްސްގެ މިނިސްޓަރުގެ މަގާމަށް ބަދަލު ކުރެއްވުމުގެ އިތުރުން، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މަގާމަށް ހ. ހާލި އަމީން އިބްރާހިމް އަދި އެޓަރނީ ޖެނެރަލްގެ މަގާމަށް، ޑިޕިއުޓީ އެޓަރނީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޢާއިޝަތު ބިސާމް ވަނީ އައްޔަން ކުރައްވާފަ އެވެ.
އެ ތިން ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ކުރިން، އެ ތިން ބޭފުޅުން ވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި ކުރައްވާފަ ކަމަށާއި ހުވާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ހުވާގެ އިޤްރާރުގައި ސޮއި ކުރައްވާފައި ކަމުގައި ރައީސް އޮފީހުން މަޢުލޫމާތު ދެއްވި އެވެ.