ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ދޭން ފެށުމާ އެކު އޭދަފުށީ ރައްޔިތުން ވެސް ތިބީ “ނިއު ނޯމަލް”ގެ އުއްމީދުގަ އެވެ. ބިރެއް ނެތި ދަތުރުކޮށްލެވޭނެ ކަމުގެ ހުވަފެނުގަ އެވެ. އެކަމަކު ކުއްލި ގޮތަކަށް މި ރަށުގައި ވެސް ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ.
އޭދަފުށިން ކޮވިޑް ފެނުނީ މިދިޔަ ހޯމަ ދުވަހުއެވެ. ބަލި އުޅޭކަން އެނގުނީ ވެސް އަލާމާތްތަކެއް ހުރި އަންހެނަކު، މިރަށު ފްލޫ ކްލިނިކަށް ގޮސް ޓެސްޓުކުރުމުންނެވެ.
އެއާ އެކު ރަށަށް އަރައިފޭބުން މަނާކޮށްފައި ވަނިކޮށް، ހަމަ އެ ދުވަހު ރޭ ފްލޫ ކްލިނިކަށް ދެއްކި ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން އެ ދެމީހުންނާއި ގުޅުން ހުރި މީހުންނާއި ގުޅުން ނެތް މީހުން ވެސް ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.
އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ މިރަށުގައި ކޮރޯނާ ވައިރަސް ފެތުރި، ރޭގެ ނިޔަލަށް މިރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 37 އަށް އަރައިފަ އެވެ. ޕޮޒިޓިވް ވި މީޙުންގެ ތެރޭގައި ބައެއް އޮފީސްތަކުގެ މުވައްޒަފުންނާއި ސްކޫލް ޓީޗަރުންނާއި ދަރިވަރުން ހިމެނެއެވެ.
ބަލި އިތުރަށް ފެތުރުނަ ނުދޭން ކައުންސިލުން އެޅި ފިޔަވަޅުތަކާ އެކު ރަށް އޮތީ މުޅިން ހިމޭންވެފަ އެވެ. ބޭރުތެރެއަށް އާއްމުން ނުކުމެ ނޫޅެ އެވެ. ރަށުގެ ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދެވެ. ފިހާރަތަކުން ހިދުމަތް ހޯދާނަމަ ޑެލިވަރީގެ ހިދުމަތަށް އިސްކަންދިނުމަށާއި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުން ނޫން ބޭނުންތަކަށް މަގުމައްޗާއި އާއްމު ތަންތަނަށް ނުކުމެ ނޫޅެން ވަނީ އަންގައިފަ އެވެ.
ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، ރަށުގެ ހާލަތު ދަނީ ގޯސްވަމުންނެވެ. މިހާ އަވަހަށް މިރަށް މި ހާލަތަށް ހިނގައިދާނެ ކަމަކަށް، މީގެ ކުރިން ހީކުރެވިފައެއް ނުވެ އެވެ.
އެ ރަށުގެ ކަމާބެހޭ އިދާރާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަމުން އަންނަނީ ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރާށެވެ. މި ރަށު އެންމެންގެ މިހާރު އޮތީ އެ އުއްމީދެވެ.