ގޭގައި ތިބެގެން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް ކިޔޫގައި ނުޖެހި، އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސް އިން ފަހިކޮށްދީފި އެވެ.
އުރީދޫން ބުނީ، ކޮވިޑް-19ގެ މި ހާލަތުގައި އެއްވެ އުޅުން މަދުކުރުމަށާއި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް، ރައްކާތެރިކަމާ އެކު ގޭގައި ތިބެގެން ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން މުހިއްމު ކަމަށެވެ. އެގޮތުން އުރީދޫން ވަނީ ގިނަ ޑިޖިޓަލް ހިދުމަތްތަކެއް ތައާރަފްކޮށްފަ އެވެ.
އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށްޓަކައި އެ އެޕްލިކޭޝަނަށް ލޮގިން ވުމަށް ފަހު ސާވިސަސް ބަޔަށް ދިއުމުން “ފިތުރު ޒަކާތް” އަށް ހާއްސަ ބައެއް ފެންނާނެ އެވެ. މި ގޮތަށް ޒަކާތް އިހްތިޔާރު ކުރުމަށްފަހު ޒަކާތް ދައްކަން ބޭނުންވާ ބާވަތް ވަކިން ނެގޭނެ އެވެ. އެއަށްފަހު ފައިސާ ދައްކާ މީހާގެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު ޕޭމެންޓް ކޮންޕާމް ކޮށްލުމުން އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުނީ އެވެ.
ޒަކާތުގެ އިތުރުން، ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.
އުރީދޫގެ އެމް-ފައިސާގައި ރަޖިސްޓާ ވުމަށްޓަކައި ރެޖިސްޓްރޭޝަނަށް ފިތާލުމަށް ފަހު އެ މީހެއްގެ މައުލޫމާތު ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެކައުންޓް އެކްޓިވޭޓް ކުރުމަށްޓަކައި އޯޓީޕީ ނަންބަރު ޖެހުމަށް ފަހު އެ މީހެއްގެ މޯބައިލް ނަންބަރު ޖަހާފައި ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖަހަން ޖެހޭނެ އެވެ. އެއަށްފަހު ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށް ފަހު ކުރިން ޖެހި ޕިން ޖަހާފައި ފޯނަށް ލިބޭ އޯޓީޕީ ޖެހުމުން ރަޖިސްޓްރޭޝަން ފުރިހަމަ ވާނެ އެވެ.
އުރީދޫގެ އެމް-ފައިސާ އަށް ބީއެމްއެލް އާއި އެސްބީއައިގެ އިތުރުން އެމްއައިބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ފައިސާ ޖަމާކުރެވޭނެ އެވެ.