ބީއެމްއެލް އިން ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި

މާދަމާ އިން ފެށިގެން ބީއެމްއެލް ހުޅުވައިގެން މި ހަފުތާގައި ވެސް ހިދުމަތް ދޭނީ ތިން ދުވަހު ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ، ކޮވިޑުން ރައްކާތެރިވާން އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލޫތަކާއި އެމްއެމްއޭގެ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން މި ހަފުތާގައި ހިދުމަތް ދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން މެންދުރު 12:30 އަށް ކަމަށެވެ.

ނަމަވެސް ބޭންކުން ދޭ ބައެއް އަސާސީ ހިދުމަތްތައް ކަމަށްވާ ޗެކް ޕްރޮސެސް ކުރުމާއި ޓީޓީ އަދި ޕޭރޯލް ހިދުމަތް ހަފުތާގެ ކޮންމެ ދުވަހަކު ވެސް ލިބޭނެ ކަމަށެވެ.

އެގޮތުން ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާކުރުން ނުވަތަ ޓީޓީގެ ހިދުމަތް ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް އެ ދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފަ އެވެ. ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާ ނަމަ މެންދުރު 12:00 ގެ ކުރިން ހުށަޅެމުން އެ ދުވަހު ޕްރޮސެސް ވާނެ އެވެ. އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ.

މީގެ އިތުރުން ހެނދުނު 9:30 ގެ ކުރިން އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ކްލިއަރިން ޗެކެއް ނަމަ އެދުވަހު ޕްރޮސެސް ވާނެ އެވެ. މެންދުރު 12:00 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއް ނަމަ އެދުވަހު ޕްރޮސެސް ވާނެ އެވެ.

މާލޭގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީއެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގަން ޖެހެ އެވެ. ހިދުމަތް ހޯދުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށް ވެސް ބީއެމްއެލް އިން އެދެ އެވެ. ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 8:30 އިންފެށިގެން މެންދުރު 12:00 އަށް އޮންލައިން ޓޯކަން ހިދުމަތް ދެމުންދާނެއެވެ.

އެކައުންޓް އޯޕެނިން ސެންޓަރާއި ލޯން ސެންޓަރާއި އަދި ބިޒްނަސް ސެންޓަރުތަކުން ބީއެމްއެލް އިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށެވެ. މި ހިދުމަތްތަކަށް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހައްދަން ޖެހެ އެވެ.

ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ބޭންކުން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިން ހިދުމަތް ހޯއްދެވުމަށާއި އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރެއްވުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.