ބ. ގޮއިދޫން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެރަށަށް އަރައިފޭބުން މިއަދު މަނާކޮށްފި އެވެ.
ގޮައިދޫ ކައުންސިލް ނައިބް ރައީސް މުހައްމަދު ނާފިޒް ވިދާޅުވީ އެރަށް ބަންދުކޮށްފައި ވަނީ އެރަށުން ބަލީގެ އަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދެއްކި މީހަކު ފައްްސިވެ، ފަހުން އެ މީހާއާ ގާތުން އެއްތާވި އިތުރު ބަޔަކު ފައްސިވުމުން ކަމަށެވެ. އެގޮތުން މިހާތަނަށް އެރަށުން ހަތް މީހަކު ފައްސިވެފައި ވެއެވެ.
އެ މީހުންނާއި ކޮންޓެކްޓްވިއިރު، 60 އަށްވުރެ ގިނަ މީހުން ފާހަގަވެފައިވާ ކަމަށް ގޮއިދޫ ކައުންސިލުން ބުންނެވެ.
ކޮވިޑް ކޭސްތަކާ ގުޅިގެން މިއަދު މެންދުރެއްހާއިރު އެ ރަށަށް އަރައިފޭބުން މަނާކުރިއިރު މިއީ ކޮވިޑާ ގުޅިގެން އެ ރަށް ބަންދުކުރި ފުރަތަމަ ފަހަރެވެ.
މިހާރު ކޮވިޑް ފެނިގެން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ 15 އަށް އަރާފައެވެ.