“ސަބްސިޑީ ކަނޑާލައިގެން ނުވާނެ، ހެޔޮ އަގުގައި ކާޑު ފޯރުކޮށްދޭން ޖެހޭ”

އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) --- ފޮޓޯ/ މަޖިލިސް
އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) — ފޮޓޯ/ މަޖިލިސް

ކާޑުގެ ސަބްސިޑީ ކަނޑާލައިގެން ނުވާނެ ކަމަށާއި ރައްޔިތުންނަށް ހެޔޮ އަގުގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރުމާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ސަލީމު ވިދާޅުވީ ރާއްޖެއަށް މަދުން އާމްދަނީ ލިބުނުއިރު ދިން ސަބްސިޑީ މިއަދުވެސް ދެވެންޖެހޭނެ ކަމަށެވެ.
“ރައީސް މައުމޫންގެ ދައުރުގައި 150 މިލިއަން ބަޖެޓުންވެސް ބަޖެޓު ދެމުން ދިޔައީ، އެއް ބިލިއަން އޮތްއިރުވެސް ތިން ބިލިއަން އޮތްއިރުވެސް ދިޔައީ ދީގެން، ދިވެހި ރާއްޖޭގެ އާމްދަނީ ދުވަހަކު ނުލިބޭވަރަށް އެބަލިބޭ ދެން ކީއްވެގެންތޯ މިއަދު ކާޑުގެ ބާވަތްތައް ބޮޑުވެގެންދާންވީ؟” ސަލީމް ވިދާޅުވިއެވެ.

ރައްޔިތުންނަށް ހެޔޮ އެގުގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި ގަނެވެން ނެތް މީހާއަށް ހިލޭވެސް ދިނުމަކީ ވެރިމީހާ ކުރަންޖެހޭ ކަމެއް ކަމަށް ކަމަށް ވިދާޅުވެ ސަލީމުވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ކާޑުގެ އަގުބޮޑުވި މައްސަލާގައި ސަލީމް ވަނީ މިދިޔަ އާދިއްތަ ދުވަހު ވެސް ސަރުކާރަށާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ސަރުކާރުން ހިންގާ ނޭދެވޭ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން ކަމަށެވެ.

އެސްޓީއޯއަށް ދައުލަތުގެ ބިންތައް އާދަޔާ ޚިލާފު ހެޔޮ އަގުގައި ދީފައިވާތީ އެކަމަށް ވެސް ފާޑުވިދާޅުވެ ވާހަކަދައްކަވައިފަ އެވެ.

ސަލީމް ވިދާޅުވެފައިވަނީ އެސްޓީއޯ އަށް މާލޭގެ މުހިންމު ލޮކޭޝަންތަކުން ބޮޑެތި ބިންތަކެއް ދީފައި ވަނީ މާކެޓް އަގަށް ވުރެ ހެޔޮ އަގެއް ކަމަށާއި އެހެންވެ ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ސަރުކާރު ހިންގާ ޕާޓީގެ މެމްބަރަކަށްވެހުރެ މި ފަހަކަށް އައިސް ސަލީމު އަންނަނީ މަޖިލީހުގައި ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅާ ދެކޮޅު ހައްދަވާ ފާޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.