ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަމާޒަކީ އޯލެވެލް ހަދާ ކުދިން ފާސްވާ ނިސްބަތް 60 ޕަސެންޓަށް އިތުރުކުރުން: ޕްރިންސިޕަލް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މރ. ޓީއޭ ތޯމަސް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަމާޒަކީ އޯލެވެލް ހަދާ ކުދިންގެ ކާމިޔާބީގެ މިންގަޑު 60 ޕަސެންޓަށް އިތުރު ކުރުން ކަމަށް އެ ސްކޫލުގެ ބުނެފި އެވެ.

ހޯމަ ދުވަހުގެ ރޭ އެ ސްކޫލުގައި ބޭއްވި ޕީޓީއޭގެ އާއްމު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސްކޫލުގެ ޕްރިންސިޕަލް މރ. ޓީއޭ ތޯމަސް ވިދާޅުވީ މި ޓާގެޓް ހާސިލު ކުރެވޭނީ ސްކޫލުގެ ޕްރައިމަރީ ގްރޭޑްތަކުގައި ރަނގަޅު ބިންގަލެއް އެޅިގެން ކަމަށެވެ.

”ހަމައެކަނި ގްރޭޑް 10 ގައި މަސައްކަތް ކޮށްދީގެން އަމާޒެއް ހާސިލެއް ނުކުރެވޭނެ. ދެމެހެއްޓެނިވި ގޮތެއްގައި މި އަމާޒު ހާސިލު ކުރުމަށްޓަކައި ރަނގަޅު ބިންގަލެއް އެބަ ޖެހޭ މި ސްކޫލުގައި އަޅަން. އެހެން ވެއްޖެ ނަމަ ކުރިއަށް އޮތް 2 އަހަރު ދުވަހު ތެރޭ އެ ނަތީޖާ ހާސިލު ކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު،” ޕްރިންސިޕަލް ވިދާޅުވި އެވެ.

މރ. ތޯމަސް އިތުރަށް ވިދާޅުވީ ސްކޫލުގެ އަމާޒު ހާސިލު ކުރުމަށްޓަކައި މިހާރު ވެސް ގްރޭޑް 5 އިން ފެށީގެން މަތީގެ ކްލާސްތަކަށް ހާއްސަ ހަރަކާތްތަކެއް ރޭވިގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި ސްކޫލުގައި މިހާރު ކިޔަވައިދޭން ޖެހޭ ގޮތްތައް ބަދަލުކޮށް ދަރިވަރުންނަށް ހަޔަރ ސްކިލްސް ދަރަޖަތައް ދަސްކޮށްދޭން ޖެހޭ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.

”ހަމައެކަނި ފޮތް ހިތުދަސްކޮށްގެން ކުދިންނަކަށް ‘އޭ’ ގްރޭޑެއް ނުލިބޭނެ. އެބަ ޖެހޭ ކުދިން އޭގެން ދޭހަވާ އެއްޗެއް ކުދިންގެ އަމިއްލަ ސިކުނޑިން ވިސްނުމަށް ފަހު، ވިސްނޭ ގޮތަކަށް ޖަވާބުތަކެއް ދޭން. އެހެންކަމުން މިހާރު ސްކޫލު ގްރޭޑް 9 އަދި 10 ގެ ޓެސްޓްތައް ވަރަށް ސްޓޭންޑާޑް ވާނެ. ކުރީގެ ޓެސްޓްތަކަށް ވުރެ ތަންކޮޅެއް އުނދަގޫވުން ވެސް އެކަށީގެންވޭ،” މިދިޔަ އަހަރު ޖީސީއީ އޯލެވެލް އިމްތިހާނުން ބ. އަތޮޅު ތައުލީމީ މަރުކަޒަށް ބޮޑު ކާމިޔާބީއެއް ހޯދައި ދިނުމުގައި ސްކޫލުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި މރ. ތޯމަސް ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ޕީޓީއޭގެ އާއްމު ބައްދަލުވުގައި އެ ޖަމިއްޔާގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.